ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިރޭ މޯލްޑިވްސް ސްޓާރ އަދި ސޭމް ސޭމް ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށްފަހު ސޭމް ސޭމުން ކާމިޔާބުކޮށްފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި މޯލްޑިވްސް ސްޓާރގެ މައްޗަށް ސޭމް ސޭމުން ކުރިހޯދީ 3 ސެޓު 2 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 25-19 އިން ގެންދިޔައީ މޯލްޑިވްސް ސްޓާރ އިންނެވެ. ނަމަވެސް، ދެވަނަ ސެޓު 25-20 އިން ސޭމް ސޭމުން ނަގައި މެޗު އެއްވަރުކުރި އެވެ. ތިންވަނަ ސެޓު ފޯރިގަދަ ކުޅުމަކަށްފަހު 25-22 އިން މޯލްޑިވްސް ސްޓާރ އިން ނެގި ނަމަވެސް ހަތަރު ވަނަ ސެޓުގައި ސޭމް ސޭމުން ވަނީ ތަފާތު ހިތްވަރެއް ދައްކައި 25-19 އިން ސެޓު ކާމިޔާބުކޮށްފައެވެ. ފަސްވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ސޭމް ސޭމުން މެޗު ނެގީ 15-13 އިން މި ސެޓު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސޭމް ސޭމުގެ ޖާޒީ ނަންބަރު 12 އަހުމަދު ސަަދޫގެވެ.

މުބާރާތުގައި މިރޭ އަދި އިތުރު އެއް މެޗު ކުޅޭނެ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ތިނަދޫ ޕޮލިހާ ސްކޯޕިއަންސް އެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ.
ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓާރ، މޯލްޑިވްސް ސްޓާރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ. އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓާރޒް، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މާދަމާ މުބާރާތުގެ މެޗެއް ނޯންނާނެ އެވެ. މެޗުތައް ދެން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ ފިިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ މެންސް ނުކުންނާނީ ތިނަދޫ ޕޮލިހާ ދެކޮޅަށެވެ. އެދުވަހުގެ ރޭ ދެ މެޗެއް ކުޅޭއިރު ފުރަތަމަ ކުޅޭ އަންހެން ޑިވިޝަނުގެ މެޗުގައި ކުއީން ބީސްއާއި ފިޓް ފެމިނައިން ބައްދަލުކުރާއިރު ފިރިހެން ޑިވިޝަނުގެ މެޗުގައި ސްކޯޕިއަންސް ވާދަކުރާނީ މޯލްޑިވްސް ސްޓާއާ އެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

