ޕީޕީއެމްއާއި ޕީއެންސީގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައެއް ކަމަށްވާ ޤާޒީންގެ އޯޑީޔޯ ލީކްވި މައްސަލައިގެ ބަހުސް ގުރުއަތުން ހޮވިފައިނުވާތީ ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖުލިސްތެރޭގައި އިހުތިޖާޖްކޮށްފިއެވެ.
ރައްޔިތުންގެ މަޖުލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ދެ ކުއްލި މައްސަލަ ހުށަހަޅާފައެވެ. ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ތިން ފަނޑިޔާރުންގެ އޯޑިޔޯ ލީކްވި މައްސލައާއި މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުށަހެޅުއްވި ރަސްފަރި ފަރަށް ބިޔަ އާގު ބޯޓެއް އެރި މައްސަލައެވެ.
އެހެންނަމަވެސް މަޖުލީހުގެ ޤަވައިދު އޮންނަގޮތުން އެދުވަހަކު މަޖުލީހުގައި ބަހުސްކުރެވޭނީ ޤުރުއަތުން ހޮވޭ މައްސަލައަކަށެވެ. އެގޮތުން މިއަދު މަޖުލީހުގެ ތަޅުމުގައި ބަހުސަށް ހޮވިފައިވަނީ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުށަހެޅުއްވި މައްސަލައެވެ. މިކަމާ ހިތްހަމަ ނުޖެހިގެން ޕީޕީއެމް ޕީއެންސީގެ މެމްބަރުން މަޖިލީހުގެ ރިޔާސަތު ކުރިމަތީގައި ހުއްޓިތިބެގެން އަޑުގަދަކޮށް އިހުތިޖާޖްކުރަމުންދާތީ ރާއީ ހުށަހެޅުއްވި މައްސަލައިގެ ބަހުސް ކުރިޔަށް ގެންދިޔުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
އެގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމްއާއި، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުއާއި، ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންއާއި، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގްއާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ގެންދަވަނީ މަޖުލީހުގެ ތަޅުމުގައި އިހުތިޖާޖް ކުރައްވަމުންނެވެ. އަދި ދުރުގައި ހުންނަވައިގެން އާދަމް ޝަރީފް ދިޔައީ އެމަންޒަރު ވީޑިޔޯކުރަމުންނެވެ.
އެހެންނަމަވެސް މަޖުލީހުގެ ރިޔާސަތުގައ އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އެއްވެސް މެންބަރެއްގެ ނަން ނުއިއްވައި، އެ މެންބަރުންނަށް ވިސްނައިދެއްވަމުން ގެންދެވީ ރިޔާސަތަށް ކުރިއަށް ގެންދެވޭނީ ގުރުއަތުން ހޮވުނު މައްސަލައެއް ކަމަށެވެ.

