ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ސްކޯޕިއަންސްއާ ވާދަކޮށް ހޯދި މޮޅާއެކު ތިނަދޫ ޕޮލިހުން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މުބާރާތުގައި ރޭ ސްކޯޕިއަންސްގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-22، 29-27 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތިނަދޫ ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 7 މުހައްމަދު ޝަހުބާނެވެ.

ތިނަދޫ ޕޮލިސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވުމުން ރޭގެ މެޗުން ލިބުނު މޮޅާއެކު ފައިނަލަށް ދިއުމުގެ އުއްމީދު އެ ޓީމަށް ވަނީ އާ ވެފައެވެ. މުބާރާތުގައި ޕޮލިސް ދެން ނުކުންނާނީ ޑީއާރުސީ މެންސްއާ ދެކޮޅަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.
ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމެޓީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސްގެ ތިނަދޫ ސިޓީ ސްޓޭޑިއަމް ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މުޅިއެކު 11 ޓީމް ވަނީ ބައިވެރިވެފައެވެ. އަންހެން ޑިވިޝަނުގައި 5 ޓީމު ވާދަކުރާއިރު ފިރިހެން ޑިވިޝަނުގައި 6 ޓީމު ވާދަކުރެއެވެ.
ފިރިހެން ޑިވިޝަނުގައި ބައިވެރިވެފައިވާ ޓީމުތަކަކީ ޝޫޓިންގް ސްޓާރ، މޯލްޑިވްސް ސްޓާރ، ސްކޯޕިއަންސް، ޑީސީ މެންސް، ސޭމް ސޭމް އަދި ތިނަދޫ ޕޮލިހެވެ. އަންހެން ޑިވިޝަނުުގަައި ވާދަކުރާ ޓީމުތަކަކީ ފިޓް ފެމިނައިން، އޯލް ސްޓާރޒް، ޑީއާރުސީ ވިމެންސް، އިންފިނިޓީ އަދި ކުއީން ބީސް އެވެ.
މިއަދު މުބާރާތުގެ މެޗެއް ނޯންނާނެ އެވެ. މެޗުތައް ދެން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. މާދަމާ ހަވީރު ކުޅޭ ފިިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ މެންސްއާ ތިނަދޫ ޕޮލިސް ވާދަކުރާ މެޗަށްފަހު މާދަމާ ރޭ ދެ މެޗެއް ކުޅޭނެއެވެ. މާދަމާ ރޭ ފުރަތަމަ ކުޅޭ އަންހެން ޑިވިޝަނުގެ މެޗުގައި ކުއީން ބީސްއާއި ފިޓް ފެމިނައިން ބައްދަލުކުރާއިރު ފިރިހެން ޑިވިޝަނުގެ މެޗުގައި ސްކޯޕިއަންސް ވާދަކުރާނީ މޯލްޑިވްސް ސްޓާއާ އެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

