ރާއްޖޭގެ އުތުރު ކަނޑުގެ ސަރަަހައްދަށް، ބިންހެލުމެއް އައިކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފި އެވެ.
އެކްސް ޕޯސްޓެއްގައި މި މައުލޫމާތު ހާމަކުރަމުން މޫސުމާ ބެހޭ ގައުމީ އިދާރާ ބުނީ ހދ އަތޮޅުގެ ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިސްފައިވާ ކަމަށް ރިޕޯޓެއް އައިސްފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނެފައި ވަނީ ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑު ކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަން ރެކޯޑު ކުރެވިފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައި ވަނީ ކުޅުދުއްފުއްޓާ 234 ކިލޯމީޓަރު ކައިރިއަށް، ރާއްޖެ ގަޑިން މިރޭގެ 8:26ހާ އިރުގައެވެ. 4.5 މެގްނެޓިއުޑް ބާރުމިނުގައި، 10 ކިލޯމީޓަރު އަޑިން މި ބިންހެލުން އަރަބިއަން ސީއަށް އައިސްފައިވާއިރު، އެ ސަަރަހައްދު ކައިރީގައި ތިބި ބައެއް މީހުންނަށް ބިންހެލުމުގެ އިހުސާސް ކުރެވުނު ކަމަށް ވޮލްކެނޯ ޑިސްކަވަރީ އިން ވަނީ ހާމަކޮށްފައެވެ
ހދ އަތޮޅުގެ ރަށްތަކުގެ ބިންގަނޑަށް މި ލޮޅުމުގެ އަސަރެއް ކުރި ނަމަވެސް ރާއްޖެއަށް މިކަމުން އެއްވެސް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

