ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސްއާ ބައްދަލު ކުރައްވައިފިއެވެ.
ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ހަވާސާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، އދ. އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ހަމައެހެންމެ ރާއްޖޭގެ ގައުމީ ތަރައްގީއަށް، އދ. އިން ވެދެއްވާ އެހީތެރިކަމާއި ބައިނަލްއަގްވާމީ މުޖްތަމައާ ރާއްޖެއާ އޮތް ގާތްކަމާ އިތުބާރު ދެމެހެއްޓުމުގައި އދގެ ދައުރު ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް ޑރ މުއިއްޒުގެ ވާޙަކަފުޅަށްފަހު އެ ބައްދަލު ކުރެއްވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓްރެސް ވަނީ ސިޑްސް ފަދަ ކޮންފަރެންސެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރައްވައި އެ މަހާސިންތާއިން ނެރެވޭނެ އުންމީދީ ނަތީޖާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައިވާ ކަމަށްވެސް ރައީސްއޮފީހުން ބުންޏެވެ
ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުން ނިންމަވައިލައްވާފައި ވަނީ ދެ ބޭފުޅުންވެސް، އދ. ގައި ރާއްޖޭގެ ދައުރު އިތުރަށް ހަރުދަނާ ކުރުމަށާއި، ރާއްޖެއަށް އދ. އިން ވެދޭ އެހީތެރިކަން އިތުރުކޮށް، ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ އުންމީދު އައު ކުރައްވަމުންނެވެ.

