ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާ ކުރައްވައިފިއެވެ.
މިއަދު ބޭއްވި ހުވާ ކުރުމުގެ ރަސްމިއްޔާތުގައި މެންބަރުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންއެވެ.
މެންބަރުންނަށް ހުވައިލައިދީ ނިމުމުން އެ މެންބަރުން ވަނީ ހުވާގެ ލިޔުމުގައި ސޮއި ކުރައްވާފައެވެ.
ވިހި ވަނަ ރައްޔިތުންގެ މެންބަރުން މިހާރު ހުވާ ކުރައްވާފައިވާއިރު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ހޮވާ ޖަލްސާ މިއަދު ހެނދުނު 10:15 ގައި ބާއްވާނެއެވެ.
މިދިޔަ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވިއިރު އެ މަޖިލީހަށް އިންތިހާބުވެވަޑައިގަތް 73 މެންބަރުންނަކީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހަށް މިފަހަރު އިންތިހާބުވެފައިވާ މެންބަރުންގެ ތެރެއިން ގިނައީ އަލަށް މަޖިލީހަށް ހޮވިވަޑައިގަތް މެންބަރުންނެވެ.

