މިއަދު ފެށުނު 20 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން ހިތާއި ރޫހުން މަސައްކަތް ބަލައިގަންނާނެ ފެންވަރަށް، ގައުމަށް އެންމެ ފައިދާހުރި ގޮތަށް ކަންކަން ނިންމުމުގައި ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ މަޖިލިހަކަށް ކަމަށާއި އެކަމާމެދު އެމަނިކުފާނުގެ އެއްވެސް ޝަައްކެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ވިހި ވަނަ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެން ދެއްވި ހިތާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް އެމަނިކުފާނުގެ ނަން ހުށަހަޅުއްވާފައިވާތީ ފުން އިހުތިރާމާއި ލޯތްބާއެކު ޝުކުރު ދަަންނަވައި މަޖިލިސް ރައީސް ކަމުގެ މަގާމަށް އިންތިހާބު ކުރުމަށް އެމަނިކުފާނަށް ވޯޓު ދެއްވި މެމްބަރުންނާއި ފޮނަދޫ ދާއިރާއަށް އެމަނިކުފާނު އިންތިހާބު ކޮށްދެއްވި ދާއިރާގެ ރައްޔިތުންނަށްވެސް އަބްދުއްރަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން ނިމިދިޔަ 19 ވަނަ މަޖިލީހަށާއި މަޖިލީހުގެ ރިޔާސަތަށްވެސް އަބްދުއްރަހީމް ވަނީ އެ މަޖިލިހުން ކޮށްދެއްވި މަސައްކަތުގެ އަގުވަޒަން ކުރައްވައި ޝުކުރު އަދާ ކުރައްވާފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ވިހި ވަނަ މަޖިލިސް އެކުލަވާލެވިފައި ވަނީ ގައުމަށް މުހިންމު ވަގުތެއްގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި މަޖިލިސް އެކުލަވާލެވިފައި ވަނީ މުހިންމު އައު ސިޔާސަތުތަކާއެކީ އިންގިލާބީ ހެޔޮ ބަދަލެއް ރާއްޖެއަށާއި ދިވެހިރައްޔިތުންނަށް ގެނެސްދިނުމުގެ އިހުލާސްތެރި ވިސްނުންފުޅުގައި ޑރ މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިތާ މަދު މަސްތަކެއްގެ ތެރޭގައިކަމަށެވެ. އެހެން ކަމަށްވުމާއެކު ވިހިވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައީސް މުއިއްޒުގެ މަސައްކަތްޕުޅާއި، އެމަނިކުފާނުގެ ފިޔަވަޅު ހަމަކޮށް ހިނގާނެ، ހިނގަންވާނެ މަޖިލީހަކަށް ކަމަށެވެ. އަދި މިދަނޑިވަޅަކީ ގައުމެއްގެ ގޮތުގައި މުހިންމު ނިންމުންތަކެއް ނިންމަންޖެހިފައުވާ ދަނޑިވަޅެއް ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި މަޖިލިހުގެ ތެރޭގައި މަޝްވަރާކޮށް، ބަހުސްކޮށް، ސަރުކާރާއެކު މަސައްކަތްކޮށް، ގޮތް ނިންމަންޖެހޭ ކަންތައްތަކެއްކަމަށް އަބްދުއްރަހީމް ހާއްސަކުރައްވައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި
- އިގްތުސާދީ އަސާސްތައް ފުޅާކުރުން
- އައު މަސައްކަތްތަކާއި ފަންނުތަކާއި ވިޔަފާރިތައް އުފަން ކުރުން،
- ފައިސާ އާއި މާލީ ފުދުންތެރިކަން އިތުރު ކުރެވޭނެ ގޮތްތައް ހޯދުން
- އުމްރާނީ ތަރައްގީގެ އައު ހަރުފަތްތަކެއް ރާއްޖެއަށް ތައާރަފްކުރަމުން ގެންދިޔުން
- ވީދެމުންދާ ދިވެހިންގެ އިޖުތިމާއީ ފޭރާން އަލުން ވިޔެ އާކުރުން
- މަސްތުވާތަކެތީގެ ވަބާއާ ވަރުގަދަ ހަނގުރާމައެއް ކުރުން،
- ނުގަވާއިދުން ބިދޭސީން ރާއްޖެ އަށް ވަންނަ ދޮރުތައް ބަންދުކުރުން،
- ގާނޫނުގަ ވެރިކަން ނެގެހެއްޓުން، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން
- މަޖިލިހުގެ އަބުރާއި ކަރާމާތް ހިފެހެއްޓުން
އަބްދުއްރަހީމް ވިދާޅުވީ މިއީ ހައްތަހާވެސް ވިހިވަނަ ރައްޔިތުންގެ މަޖިލިހުގައި ކުރިއަށް އޮތް ދުވަސްތަކުގައި ގޮތް ނިންމަންޖެހޭ ކަންތައްތައް ކަމުގައެވެ.
އާގާނޫނުތައް ތައާރަފްކޮށް، ހުރި ގާނޫނުތައް އަލުން ބަލާލައި އިސްލާހުކޮށް، އަމަލު ކުރަމުންދާ ބައެއް ގާނޫނުތަކުގެ ތެރެއިން ވަގުތާ ފައިހަމަ ނުވާ ގާނޫނުތައް އުވާލައިގެން، ގާނޫނުތަކުގެ އިތުރުން ހަދައި ހިންގާ ގަވާއިދުތައްވެސް ގާތުން ބަލައި އެއީ ގާނޫނުން ބާރު ލިބިގެން، ގާނޫނުގެ ދާއިރާގެ ތެރެއިން ހަދައި ހިންގާ ގަވައިދުތަކެއްކަން ކަށަވަރުކުރަންޖެހޭ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގާނޫން ބޭރުގައި ހުރި ގަވައިދުތައް ގާނޫނުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށާއި ނުވަތަ އުވާލަން ޖެހޭ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ކޮނޑުއަޅަނީ ބޮޑު ބިޔަ ބުރަ މަސައްކަތެއް ކަމަށާއި މިކަންކަމާ ކުރިމަތިލައި މިކަންކަމާމެދު މަޝްވަރާއާއި ބަހުސްކޮށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަމުން ދިއުމުގައި މިމަޖިލިސް ވަރުބަލިވުމެއް ނެތި ދެމި އޮންނާނެ ކަމާމެދު އެމަނިކުފާނުގެ އެއްވެސް ޝައްކެއް ނެތްކަމަށެވެ
“މިމަޖިލިހަށް ތިޔަ މެންބަރުން ވަޑައިގެންނެވީ ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ އިހުލާސްތެރި ނިޔަތުގައި އެ ބޭނުމުގައި ދާއިރާގެ ރައްޔިތުންގެ ލޯތްބާއި ތާއީދު ހޯއްދަވައިގެން، މިމަޖިލިހުގައި ޖޯޝާއި ފޯރިއާއެކު ގައުމުގެ ހައްގުގައި ވަކާލާތުކުރައްވައި މަސައްކަތް ކުރެއްވުމުގައި ހިތާރޫހުން އަޒުމު ކަނޑައަޅުއްވައިގެން، މިމަޖިލިހަކީ ރައްޔިތުންގެ މަޖިލިސް ވެރިކަން ތަރުތީބު ކުރެވިފައި އޮތް ގޮތުން ދައުލަތުގެ އެއްބާރު، ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އެންމެ އިސް މަޖިލިސް ރައްޔިތުންނާ އެންމެގާތުން މަސައްކަތް ކުރާނެ ރައްޔިތުންގެ މަޖިލިސް ކަމަށްވުމާއެކު މިތަނުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ކުރެވޭ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތަކަށް ފުރުސަތު ލިބެން ވާނެ ކަމަށާއި ޖާގަ ލިބެން ވާނެ،” އަބްދުއްރަަހީމް ވިދާޅުވިއެވެ.
“އެހެންނަމަވެސް އެކަންކަން ހިނގަންވާނީ މަޖިލިހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް މަޖިލިހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެތަކުގެ ތެރެއިން، މިމަޖިލިހުގެ މަސައްކަތާމެދު ދިވެހި ރައްޔިތުން ފަހުރުވެރިވާނެ ގޮތަކަށް މިމަޖިލިހަށް ދިވެހިންގެ ހިތުގައި އޮތް ގަދަރާއި މަގާމު އުފުލިގެން ދާނެ ގޮތަކަށް، ދާއިރާގެ ރައްޔިތުންގެ ގާތަށް ދިއުމުން ހިތާއި ރޫހުން މަސައްކަތް ބަލައިގަންނާނެ ފެންވަރަށް، ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނަޒަރު ހުއްޓިގެންދާއިރު، މަޖިލިހުގެ އެތެރޭގެ މާހައުލު މަޖިލިހުގެ މަސައްކަތާއި މުވައްޒަފުންނާއި އިދާރީ ހިދުމަތްތަކުގެ މާހައުލު ރަނގަޅުކުރުމަށް ވެސް ވިސްނަންޖެހޭނެ ދީމުގުރާތީ ހަމަތަކާއި ރައްޔިތުންގެ ހިޔާލަށް މަރުހަބާ ކިިޔާނަން،” އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ މަޖިލިހަށް ބިލާއި މައްސަލަ ހުށަހެޅޭ ހިސާބުން ފެށިގެން އެބިލެއް ނުވަތަ އެ މައްސަލައެއްގެ ކަަންކަން މަޖިލިހުން ނިންމާގޮތެއްގެ މަތިން ނިމުމާ ހަމައަށް ހިނގާ މަޖިލިހުގެ މަރުހަލާތަކުގައި ހުރި މައްސަލަތައް ދިރާސާކޮށް، މަޖިލިހުގެ ތަޅުމުން ފެށިގެން ކޮމިޓީތަކުގެ ތަޅުމާ ހަމައަށް، ކަންކަން ހިނގާ ގޮތްވެސް ދިރާސާކޮށް، މިއަދު ރައްޔިތުންގެ ހިތްތަކުގައި ޖަހާ ވިންދާ ފައި ހަމަވާ ގޮތަކަށް، ރަނގަޅުކޮށް އިސްލާހުކުރުމަށް ވިސްނުން ބައްޓަން ކުރަންވާނެ ކަމަށެވެ.
މިހާރު ކުރިޔަށްދިޔަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައި ވަނީ މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ދިޔަ ސިއްރު ވޯޓުގައި 71 މެންބަރުންގެ ތާޢީދާއެކުގައެވެ.

