ފަލަސްތީން ހަނގުރާމައަކީ ދެ ގައުމެއްގެ ދޭތެރޭ އޮތް މައްސަލައެއް ކަމަށާއި، އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވާ މައްސަލަ ހައްލުކުރާނީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ވިސްނުމަށްފަހު ކަމަށް ޕީއެންސީ ބުނެފިއެވެ.
ޕީއެންސީ ޕީޖީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ރައްޔިތުންނަށާއި، ގައުމަށް އެންމެ ފައިދާވާނެ ގޮތަށް ވިސްނާފައި ނިންމަން ޖެހޭ ކޮންމެ ނިންމުމެއްވެސް މަޖިލީހުގެ އިދާރާއިން ނިންމުމުގައި މުޅި މަޖިލީހުގެ ޕީއެންސީއަށް ތާއިދުކުރާ މެޖޯރިޓީ އޮތީ ތައްޔާރަށް ކަމުގައެވެ.
“އިޒްރާއީލާއި ފަލަސްތީނާއި ދެމެދު ހިނގަމުންދާ ހަނގުރާމައިގެ މައްސަލައަކީ އެންމެނަށްވެސް އެނގޭނެފަދައިން ވަރަށް ބޮޑު މައްސަލައެއް. އެއީ ދެ ގައުމެއްގެ ދޭތެރޭ އޮތް މައްސަލައެއް. އެކަމަށް ގޮތް ނިންމާނީ ސަރުކާރުން ނިންމާފަ ފޮނުވާ ގޮތަކަށް” ފަލާހު ވިދާޅުވިއެވެ.
ފަލާހު މިހެން ވިދާޅުވެފައިވާއިރު އިޒްރާއީލު ޕާސްޕޯޓް ގައި އެ ގައުމުގެ ރައްޔިތުން ރާއްޖޭއަށް އެތެރެވެވޭ ގޮތަށް އޮތްއޮތުމާއި ގުޅިގެން 19 ވަނަ މަޖިލީހުގައިވަނީ ގިނަ ބަހުސްތައް ކުރެވިފައެވެ. އަދި މި މައްސަލައިގައި ވަނީ ގަރާރެއްވެސް ހުށައަޅާފައެވެ.
ނަމަވެސް އެ މަޖިލީހުގެ ދައުރު ނިމުނުއިރުވެސް އެ މައްސަލައަށް ވަކި ގޮތެއް ނިމިފައެއް ނުވެއެވެ. 20 ވަނަ ރައްޔިތުންގެ މަޖީލީހުގެ ހުވާކުރުން މިއަދު ކުރިއަށް ގޮސްފައިވައިރު، ފަލާހު ވިދާޅުވީ އިޒްރާއިލު ޕާސްޕޯޓްގެ މައްސަލަގައި މާބޮޑު މައުލޫމާތެއް އަދި ލިބިފައި ނުވާކަމަށެވެ.
އެހެންކަމުން އަދި އެ މައްސަލައިގައި މާބޮޑު އެއްޗެއް ދެންނެވޭކަމަށް ނެތް ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރިއަށް އޮތްތާނގައި މައްސަލަ ދިރާސާ ކުރުމަށްފަހު ރައްޔިތުންނަށް ފައިދާވާގޮތަށް ނިންމުންތައް ނިންމުމުގައި ދެމިތިބޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

