ރާއްޖޭގެ ރަސްމީ ތާރީޚުގެ ބޮޑުބައެއްގައި ފެށެނީވެސް އަދި ނިމޭނީވެސް ރަސްރަސްކަލުންނާއި ސުލްޠާނުންނާއި ފަނޑިޔާރުންނާއި ރައީސުންގެ "ގެކޮޅު" ކަމުގައިވާ މާލެއިންނެވެ. އެކަމަކު ގައުމުގެ އެންމެ ލޯބިވާ ދީނީ މުދައްރިސް މުހައްމަދު ޖަމާލުއްދީނު – "ވާދޫ" ދަންނާ ކަލޭފާނުގެ ނަމުން މަޝްހޫރުވެފައިވާ ކަމަކީ ދެކޮޅުނުހެދޭނެ، ބަދަލުނުކުރެވޭނެ، އަދި ދުރަށް ނުދެވޭނެ ތެދު ހަގީގަތެކެވެ.
ޔަމަނުގެ ތަމްރީނު ލިބިފައިވާ ޝައިޚްގެ ނަން އެންމެ ގިނައިން އިވެނީ މާލޭގެ ޕްރައިމަރީ ސްކޫލުތަކަށް ނިސްބަތްކޮށް ކަމަަށް ވިޔަސް 16 ވަނަ ޤަރުނުގެ މި ޢިލްމުވެރިޔާގެ ހަނދާންތައް ވަނީ ގދ. ވާދޫގެ ވެލިމަގުތަކުގައެވެ. އަދި އެ މަރުހޫމުގެ މަހާނައަށް ޒިޔާރަތްކުރެވޭ ގޮތަށް އެ މަހާނަ ފެންނަންވެސް ހުރީ މާލޭގައެއް ނޫނެވެ. އެކަމަކު ގދ ވާދޫގައެވެ. ވާދޫ ޖަމާލުއްދީނު ސުކޫލު، އެ އިލްމުވެރިޔާގެ ނަމުން ނަން ދީފައިވާ ސުކޫލެއް ވާދޫގައި ހުރުމަކީވެސް ފަހުރެކެވެ. ބިމަށް އޮތް ދަރަންޏެއް ނަމަ މިވަނީ އަދާކޮށްދީފައެވެ.
ތާރީޚީ ވިޔަފާރިއާއި ހިޖުރަކުރުމުގެ ދިރާސާތަކުން ދައްކާ ގޮތުގައި 12 ވަނަ ގަރުނުގައި ރާއްޖެ އިސްލާމްވި އިރު ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ގިނަ ބަޔަކު ދިޔައީ ޔަމަނުން ކަނޑުހުރަސްކޮށް އިރުމައްޗަށް ދިޔައީ ދަތުރުކުރަމުންނެވެ.
ހިޖުރަވެރިންގެ ނުފޫޒުގެ ސަބަބުން އިންޑިއާ ކަނޑު، މަލާބާރު އައްސޭރިފަށާއި ދެކުނު އިރުމަތީ އޭޝިއާގެ އެކި ކަންކޮޅުތަކުގައި ޝާފިޢީ މަޛްހަބުގެ ބާރު ގަދަވެގެންދާނެ ކަމަށާއި، އެންމެ ފުރަތަމަ މި މަދަރުސާ ރާއްޖެއަށް ގެންނެވީ ޝައިޚް މުޙައްމަދު ޖަމާލުއްދީން ކަމަށް އޭ.ޑީ.ޑަބްލިއު ފޯބްސް އިން ބުނެއެވެ.
ޖަމާލުއްދީން ހުވަދުއަތޮޅަށް ވަޒަންވެރިވެވަޑައިގަތުމަށް އިޚްތިޔާރު ކުރެއްވުމުން ބައެއް މީހުން ބުނަމުން ދަނީ އޭނާއަކީ ދެކުނުގެ ބޭފުޅެއް ކަމަށް ބެލެވޭ ކަމަށާއި އަނެއް ބަޔަކު ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ވެރިރަށުގެ ސިޔާސީ މަކަރުވެރި ރޭވުންތަކާ ދުރުގައި އޮންނަ ހަމަހިމޭން ތަނެއްގައި އޭނާގެ ޢިލްމު ޙިއްޞާކުރަން ބޭނުންވި ފިރިހެނެއް ކަމަށެވެ.

ވާދޫދަންނަކަލޭގެފާނުގެ ދަތުރު،އިލްމުއުނގެންނެވީޔަމަނުން…..ފޮޓޯ:ޓޫތައުޒަންޑްއައިލްސް
ދިވެއްސަކަށް ވިޔަސް އަދި ނުވިޔަސް ވާދޫއަކީ ޝެއިޚްގެ ދުވަސްތައް ފެނުނުތަނެވެ. އަދިވެސް އޭނާގެ ހަޔާތާއި އޭނާގެ މަރުގެ ވާހަކަތަކާއި އެނޫން ވެސް ވާހަކަތައް އެބަޔަުގެ ދޫދޫމަތިން ކިޔައިދެމުން އަންނަ ފަސްގަނޑެވެ. ބައެއް މީހުން ބުނަނީ ޖަމާލުއްދީން އަކީ ދިގު އަދި "އެކަނި" ދިރިއުޅުމެއް އުޅުއްވި ބޭފުޅެއް ކަމަށާއި، އިލްމު މުތާލިއާ ކުރެއްވުމާއި އުނގަންނައިދެއްވުން ފިޔަވައި އެހެން ދުނިޔަވީ އެއްވެސް ޝައުގެއް ނެތް ބޭކަލެއް ކަމަށެވެ.
ކޮންމެ ގޮތެއް ވިޔަސް، މުހައްމަދު ޖަމާލުއްދީންގެ ދަތުރަކީ އަދިވެސް ދެކުނު އަރަބިއްޔާ، މާލެ، އަދި ހުވަދު އާ ގުޅުވައިދޭ ދަތުރެއް ކަމަށާއި، މިތުރާއި ލެޖެންޑްގެ ބޯޑަރު ހުރަސްކޮށްފައިވާ ދަތުރެއް ކަމަށް ބެލެވެ އެވެ. އޭގައި ހިމެނެނީ ހުރިހާ ޒަމާނެއްގެ ވާހަކައެވެ. ކުރީގެ، މިހާރުގެ އަދި މުސްތަޤްބަލުގެ ވާހަކައެވެ. އިސްލާމްދީނުގެ އަލިކަމުގެ ވާހަކައެވެ.
އުތީމު ބޮޑު ތަކުރުފާނު ޕޯޗުގީޒުންގެ އަތުން ދިވެހިރާއްޖެ މިނިވަންކުރައްވައި، ރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގަތީ މީލާދީން 1573 އަަހަރުގައެވެ.

ވާދޫދަންނަކަލޭގެފާނުގެ ދަތުރު،އިލްމުއުނގެންނެވީޔަމަނުން…..ފޮޓޯ:ޓޫތައުޒަންޑްއައިލްސް
ޕޯޗުގީޒުން ދިވެހިރާއްޖެ ހިފައިގެން އެމީހުންގެ ވެރިކަން ރާއްޖޭގައި ހިންގަން ފެށިއިރުވެސް އިސްލާމްދީނުގެ އެކަށީގެންވާ އިލްމުވެރިއަކު ދިވެހިރާއްޖެއަކު ނެތެވެ. ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރެއްވުމަށްފަހު އޭނާއަށް ލިބިވަޑައިގަތް އެންމެ ބޮޑު ހާސްކަމަކީ އިސްލާމްދީނުގެ ކަންތަކުގައި އެތަކުރުފާނަށް އެހީ ފޯރުވާނޭ ދީނުގެ އިލްމުވެރިއަކު ނެތުމެވެ.
ކުރީގައި ރާއްޖޭގައި ދީނުގެ އިލްމު ފެތުރުއްވި ސުލައިމާނުލްމަދަނީ ފަދަ އީސަލްޔަމަނީފަދަ ދަންނަ ބޭކަލުން ފެތުރުއްވި ދީނީ އިލްމު ވަނީ އޭރު ރާއްޖެއިން ހުސްވެފައެވެ.
ދީނުގެ އިލްމުވެރިއަކު ރާއްޖޭގައި ނެތިގެން ބޮޑުތަކުރުފާނު އެކަމާ ހިތާމަފުޅު ކުރައްވައި، މިކަން ހަމަޖެއްސެވުމަށް ކުރައްވާނެ ކަމަކާމެދު ފިކުރުފުޅު ކުރައްވަނިކޮށް އައްޝައިޚް މުހައްމަދު ޖަމާލުއްދީނޭ ކިޔުނު ދަންނަ ބޭކަލަކު ރާއްޖެ ދުރުވެއްޖެއެވެ.

މުހައްމަދު ޖަމާލުއްދީނު، ނުވަތަ ވާދޫ ދަންނަކަލޭގެފާނު އުނގަންނައިދެއްވިތަން….ފޮޓޯ:ޓޫތައުޒަންޑްއައިލްސް
މި ދަންނަ ކަލޭގެފާނަކީ އޭގެ 45 އަހަރު ކުރިން ދީނުގެ އިލްމު ހޯއްދެވުމަށް ރާއްޖެ ދޫކުރައްވައި ދަތުރު ފެއްޓެވި ބޭކަލެކެވެ. އިލްމަށް ލޯބި ކުރާ ދިވެހިދަރިއެކެވެ. މީނާ ރާއްޖެ ދޫކުރެއްވިިއިރު ރަސްކަމުގައި ހުންނެވި ޝީރާޒީ ހަސަންމަނިރަންލޯކަ މަހާރަދުންނެވެ. މި ރަދުންނަކީ ކަޅު މުހައްމަދު ރަސްގެފާނު ބުރަކިރަނިން ތިލަދުންމައްޗަށް އަރުވާލެއްވުމަށްފަހު ކައިވެނި ބައްލަވައިގަތް ޝީރާޒީ ފާތިމާދިޔޯގެ ދަރިކަލުންނެވެ.
މި މުހައްމަދު ޖަމާލުއްދީނު ދަންނަކަލޭގެފަނު ދީނުގެ އިލްމު ހޯއްދެވުމަށް ދުރުވީ އަރަބިކަރައަށެވެ، އަރަބިކަރައިގެ ވަރަށް ގިނަ ތަންތަނުގައި އުނގެނުމަށް މަސައްކަތް ކުރެއްވުމަށްފަހު އެންމެ ފަހުން އޭނާ ދީނުގެ އިލްމު ފުރިހަމަ ކުރެއްވީ ހަޒަރަމައުތުގެ އެކިއެކި އެދުރުބޭކަލުންގެ އަރިހުންނެވެ. އެއަށްފަހު އޭނާ އެނބުރި އޭނާގެ ގައުމަށް ދުރުވިއިރު ބޮޑުތަކުރުފާނު ހުންނެވީ ޕޯޗުގީޒުން ބަލިކުރައްވައި ރާއްޖެ ހިއްޕަވައިގެންނެވެ.

ވާދޫދަންނަކަލޭގެފާނު މިސްކިތް….ފޮޓޯ:ޓޫތައުޒަންޑްއައިލްސް
މިދަަންނަކަލޭގެފާނު މާލެ ދުރުވުމުން ބޮޑުތަކުރުފާނު ވަރަށް އުފާކުރެއްވިއެވެ. އަދި މުހައްމަދު ޖަމާލުއްދީނުގެ ކިބައިން ބޮޑުތަކުރުފާނު އެދިވަޑައިގަތީ ރާއްޖޭގެ ރަސްކަމަށް އިސްވެވަަޑައިގަތުމަށެވެ. ނަމަވެދސް އޭނާ އޭގެ ބަދަލުގައި ބޮޑުތަކުރުފާނު ރަސްކަލަކަށް އިސްކުރައްވައި ބައިއަތު ހިއްޕެވިއެވެ. ދެން ބޮޑުތަަކުރުފާނު އެދިވަޑައިގަތީ އޭނާގެ އަރިހުގައި އެދުރުކަލޭގެފާނު ދީނުގެ ކަންތަކުގައި އެހީވެދެއްވުމަށް ހުންނެވުމަށެވެ.
ނަމަަވެސް އައްޝައިޚް މުހައްމަދު ޖަމާލުއްދީނަކީ އެއިރު އުމުރުން ދުވަސްވެލައްވާފައިވާ ވަރަށް އަޅުވެރިކަން ބޮޑު ބޭކަލަކަށްވުމާއެކު އޭނާ ރަސްގެފާނުގެ މި އެދިވަޑައިގަތުން ގަބޫލެއް ނުކުރެއްވިއެވެ. އޭގެ ބަދަލުގައި އޭނާ ރަސްގެފާނު އަރިހުން އެދިވަޑައިގަތީ މީހުންނާ ދުރުގައި ކޮންމެވެސް ރަށެއްގައި މާތްﷲގެ ކިބައަށް އަޅުކަން ކުރެއްވުމުގައި މަޝްއޫލުވެ ހުންނެވުމުގެ ފުރުސަތު ދެއްވުމަށެވެ.

ވާދޫދަންނަކަލޭގެފާނުގެ ހަނދާންތައްގުޅިފައިވާ ތަންތަން…ފޮޓޯ:ޓޫތައުޒަންޑްއައިލްސް
ދެން އައްޞުލްޠާނުލް ޣާޒީ މުހައްމަދު ބޮޑުތަކުރުުުފާނު ސިރީސަވާދީއްތަ މަހާރަދުންގެ އިޒުނަޔާއެކު އޭނާ ރާއްޖެތެރެއަށް ފުރުއްވީއެވެ. ނަމަވެސް ފުރުއްވުމުގެ ކުރިން އެއިރު މާލޭގައި ދީނީ އިލްމު އެންމެ އެނގޭ ބޭކަލެއްކަމަށްވާ ދޮންކޮރޮލި ފަނޑިޔާރު ތަކުރުފާނުގެ އަބޫބަކުރު އެކަށީގެންވާ ވަރަށް ދީނީ އިލްމު އުނގަންނަވައިދެއްވިއެވެ.
އެއަށްފަހު އައްޝައިޚް މުހައްމަދު ޖަމާލުއްދީނު މާލެއިން ފުރާވަޑައިގެންނެވީ ހުވަދުއަތޮޅު ވާދޫ އަށެވެ. ވާދޫގެ ވެރިއަކަށް ހުންނެވި މުހައްމަދު ފަޑިއަތް ތަކުރުފާނު ޖަމާލުއްދީނު ދަންނަކަލޭގެފާނަށް ވަރަށް ކަމޭހިއްތަވައި ވަރަށްބޮޑަށް މާތްކޮށް ހިއްތެވިއެވެ. އަދި އެކަލޭގެފާނުންގެ އެދުމާ އެއްގޮތަށް ވާދޫގައި ތަނަވަސްވެގެންވާ ތަނެއްގައި ގެއެއް އަޅައިދެއްވައި އެގޭގައި ވަޒަންވެރި ކުރުވިއެވެ.

ދުވަސްވެ ނެތެމުންދަނީ، ވާދޫދަންނަކަލޭގެފާނުގެ މަހާނަ…..ފޮޓޯ:ޓޫތައުޒަންޑއައިލްސް
ދެން މި މުހައްމަދު ޖަމާލުއްދީނު ނުވަތަ ވާދޫ ދަންނަ ކަލޭގެފާނު ވާދޫގައި މާތްކަލާނގެ ކިބައަށް އަޅުކަންކުރެއްވުމާގެން ދެމިހުންނެވިއެވެ. އަދި މިގޮތަށް ހުންނެވިއިރު އޭނާގެ ކިބައިން ދީނީ އިލްމު އުނގެނުމަށް ދާ މީހުންނަށް ދީނުގެ އިލްމު އުނގަންނައިދެއްވިއެވެ. އެންމެ ފުރަތަމަ މި ދަންނަކަލޭގެފާނުގެ ކިބައިން އިލްމު އުނގެނެން ފެށީ ވާދޫ މުހައްމަދު ފަޑިއަތްތަކުރުފާނުގެ އަލީ ނާއިބު ތަކުރުފާނެވެ.
ދެން އެކަލޭގެފާނުގެ އިލްމުވެރިކަމުގެ ވާހަކަ އަހައިގެން އެކި ތަންތަނުން އެކަލޭގެފާނު އަރިހުން އިލްމު އުނގެނުމަށް ކުދިން އަންނަމުން ދިޔައެވެ.
މި ގޮތުގައި ކިޔަވައިދެއްވުމާއި އަޅުކަން ކުރެއްވުމުގައި ދެމިހުންނެވުމަށްފަހު އެކަލޭގެފާނު ނިޔާވެ ފަސްދާނު ލެވުނީވެސް ވާދޫގައެވެ.
ވާދޫ ދަންނަކަލޭގެފާނުގެ ކިބައިން ދީނީ އިލްމު ލިބުނު މީހުންގެ ތެރެއިން މޮޅު މީހުން ކަމަށް ބެލެވިފައި ވަނީ އަބޫބަކުރު ފަނޑިޔާރު ތަކުރުފާނާއި އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު ކަމަށްވެއެވެ.
(މިއީ "ކުރީގެ ހުވަދުއަަތޮޅު" މި ފޮތުން މައުލޫމާތު ނަގާފައިވާ ލިޔުމެކެވެ. އަދި ޓޫތައުޒަންޑްއައިލްސްއިންވެސް މައުލޫމާތު ނަގާފައިވާނެއެވެ. މިއީ ހުވަދޫގެ އެކިއެކި ހާއްސަ ވާހަކަތަކުގެ ތެރެއިން އެއް ވާހަކައެވެ. ހުވަަދޫގެ ތާރީހާއި އެހެނިހެން ބައެއް ހުވަދޫގެ ހަނދާންތައް އައުވާފަދަ ލިޔުންތައް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.)

