19 ވަނަ މަޖިލީހުގެ ގަވާއިދަށް ވަގުތީގޮތުން އަމަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދުގެ ޖަލްސާގައި ނަވާރަ ވަނަ މަޖިލިސް ގަވާއިދަށް ވަގުތީގޮތުން އަމަލުކުރުމަށް ނިންމީ މަޖިލީހުގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް ޕީއެންސީ އިން ވަނީ ހާމަކޮށްފައެވެ.
މި މަޖިލީހުން ވަގުތީގޮތުން 19 ވަނަ މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ.
ފަލާހު ވަނީ މަޖިލީހުގެ ގަވާއިދު އެކުލަވާލުމުގެ މަސްއޫލިއްޔަތު އާންމު ކޮމިޓީއާ ހަވާލު ކުރުމަށް ހުށަހަޅުއްވާފައެވެ. އަދި ފަލާހުގެ ހުށަހެޅުއްވުމުގައި ބުނީ އެ މަސައްކަތް އަންނަ މަހު 26 ގެ ނިޔަލަށް ނިންމައި މަޖިލިހުގެ ތަޅުމަށް ހުށައެޅުމަށެވެ. ފަލާހުގެ ހުށަހެޅުމަށް ވޯޓަށް ހުލުވާލުމުން ވޯޓުގައި ބައިވެރިވި 90 މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ވަނީ ފާސްކޮށްފައެވެ.
ފަލާޙުގެ ހުށައެޅުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ތާއީދު ކުރައްވައިފަ އެވެ.

