ޓެކްނޮލޮޖީ އާއި އައު އީޖާދުތައް ބޭނުން ކޮށްގެން ތަރައްގީ ހާސިލު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލެވޭނެ ކަމަށާއި، ރާއްޖެއަކީ އެކަމުގެ ފުރިހަމަ މިސާލެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ތަރައްގީ ވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ 4 ވަނަ މަހާސިންތާގެ ހަވާސާގެ ތެރެއިން ކުރިއަށް ދިޔަ، ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ” ނަމުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަކީވެސް ވަސީލަތްތައް މަދު، އިޤްތިޞާދުގެ ސިންދަފާާތުކަން ކުޑަ ގައުމެއްކަމަށެވެ. މިދެކަންތަކުގެ އިތުރުންވެސް ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ގައުމެއްކަން ފާހަގަ ކުރެއްވުމާއެކު ރައީސް ޑރ މުއިއްޒު ވިދާޅުވީ، މިކަންތައްތަކުގެ ސަބަބުން ސަރުކާރުން އެންމެ ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށާއި، ތަރައްގީގެ މަސައްކަތްތައް ހަމަހަމަކަމާއެކު ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ޑިޖިޓަލް ދުނިޔެއެއްގައި ދިވެހީން އުޅެމުންދާއިރު، ތަރައްޤީ ހާސިލުކުރުމަށް ހުރި ހުރަސްތައް ނައްތާލަން ސިޑްސްގެ ޤައުމުތަކަށް ޓެކްނޮލޮޖީއަކީ ވަރަށް ބޭނުންތެރި އެއްޗެއްކަމަށް ރައީސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ރައީސް ވިދާޅުވީ ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން ތަރައްގީ ހާސިލުކުރަން އެޅިފައި ހުރި ހުރަސްތައް ނައްތާލައި، ކުރިއެެރުމާއި ފާގަތިކަން ހާސިލު ކުރެވޭނެ ކަމަށާއި ރާއްޖެއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކާމިޔާބު މިސާލެއްކަން އުފަލާއެކު ފާހަގަކުރައްވާކަމަށެވެ.
ޓެކްނޮލޮޖީއާއެކު ހޯދާ ޑިޖިޓަލް ހައްލުތަކުގެ ސަބަބުން ފަަސޭހަ ވެގެންދާނެ ކަންތައްތަކުގެ ތެރޭގައި
- މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްޤީކޮށް، އިޤްތިޞާދު ސިންދަފާތުކޮށް، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަގުފަހިވާނެކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް މުވާސަލަތީ ގުޅުންތައް ގާއިމްކުރީ މުވާސަލާތީ ރޮގުން އެންމެ ކުޑަކޮށް ކުރިއަރައި ތަރައްގީވެފައި އޮތް ގައުމެއްގެ ގޮތުގައި ރާއްޖެ ވަނިކޮށް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއަދު ވެބް އެޕްލިކޭޝަނާއި އެކި ޕޯޓަލްތައް ތައާރަފްވެފައިވާއިރު، އަސާސީ ވަރަށް ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދެވޭކަމަށެވެ.

