އާސަންދަ، އެންސްޕާ، ލޯނު، ބިދޭސީ ކޯޓާ ފަދަ ހިދުމަތް ކޮންމެ ރައްޔިތަކަށްވެސް އިންސާފުވެރިކަމާއި އެކު ލިބެންޖެހޭ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅވީ އާސަންދަ، އެންސްޕާ، ސްޓުޑެންޓް ލޯނު، ވިޔަފާރި ލޯނު، ބިދޭސީ ކޯޓާ، ދަރުމަވަންތަ ޕްރައިވެޓް ކޮޓަރި އަދި މި ނޫންވެސް ސަރުކާރުން ރައްޔިތުންނަށް ދޭ ހިދުމަތްތަކަކީ ކޮންމެ ރައްޔިތަކަށްވެސް އުސޫލުގެ ތެރެއިން އިންސާފުވެރިކަމާއި އެކު ލިބެންޖެހޭ ހިދުމަތްތައް ކަމަށެވެ.
"މަޖިލީސް އިންތިހާބަށް ކުރިމަތިލީ ދުވަހުން ފެށިގެން އެންމެ ގިނަ ރައްޔިތުން އަޅުގަނޑަށް ގުޅަނީ މިފަދަ ކަންކަމުގައި. އެހެން އެކަން ވާންޖެހެނީ ނިޒާމުގެ ތެރެއިން ހިދުމަތް ލިބުމުގައި ލަސްކަމާއި، ދަތިކަން އުޅޭތީ." އަޒާން ވިދާޅވިއެވެ.
އަޒާން ވިދާޅުވީ ދާއިރާގެ މެމްބަރަށް ގުޅައިގެން ނޫނީ ނުފޫޒުގަދަ އެހެން މީހަކަށް ގުޅައިގެން މި ކަންކަން ކުރަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އެހެންކަމުން 20 ވަނަ މަޖިލީހުގައި މިކަންކަމަށް ހައްލެއް ގެންނަން މަސައްކަތް ކުރާނެ ކަމަށެވެ.
20 މަޖިލީހުގެ ހުވާކުރުން ކުރިއަށް ދިޔައީ 28 މޭގައެވެ. އެހެންކަމުން ދެން ތާވަލު ކުރެވިގެންދާ ޖަލްސާތަކުގައި ފެނިގެންދާނީ މެމްބަރުންގެ ބަހުސްތަކާއި އިންތިހާބުގަ ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް މަސައްކަތް ކުރައްވާތަނެވެ.

