ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ގޮތުގައި ހިއްސާއަކަށް 50ރ. ގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފި އެވެ.
މި ނަތީޖާއާއެކު ބީއެމްއެލްގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ހޮޓެލް ޖެންގައި ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީހުގައި މިހާ ބޮޑު އަދަދެއް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްވީ މިދިޔަ އަހަރު ހޯދުނު ނަތީޖާގެ ސަބަބުން ކަމަށެވެ.
އެގޮތުން ކަސްޓަމަރުން މެދުކެނޑުމެއްނެތި ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށާއި، ކަސްޓަމަރުން ހިދުމަތް ހޯދުމުގައި ކުރާ ތަޖުރިބާ ރަނގަޅުކޮށް، ހިދުމަތްތައް ހޯދުމުގައި ވީހާވެސް ފަސޭހަގޮތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ކާލް ސްޓުމްކަ ވިދާޅުވި އެވެ.
“އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަރުންނަށް ދޭ ހިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަންއަށް ހާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމައެއް ހޯދައިދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން،” ކާލް ސްޓުމްކަ ބުންޏެވެ.
އޭގެއިތުރުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ދެއްވި އިރުޝާދަށް ޝުކުރު އަދާ ކުރައްވައި ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުން މަސައްކަތް ކުރަމުންދާނީ ރާއްޖޭގައި އެންމެން އިހުތިޔާރު ކުރާ ބޭންކަށްވުމަށް ކަމަށާއި، މި އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މިދިޔަ އަހަރު ބީއެމްއެލްއަށް ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބުނެވެ. އެއީ މިހާތަނަށް އެ ބޭންކުގެ ތާރީހުގައި ހޯދި ސާފު ފައިދާގެ އެންމެ މަތީ އަދަދެވެ.
މިވަގުތު ރާއްޖޭގެ ބޭންކިން ސެކްޓަރުގައި ތިބި ކަސްޓަމަރުންގެ 55 އިންސައްތަ ހިއްސާކުރަނީ ބީއެމްއެލްގެ ކަސްޓަމަރުން ކަމަށްވާއިރު އެއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ލަގަބު އެ ބޭންކަށް ލިބޭ ސަބަބެވެ.

