ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރޭގައި ގެދޮރުވެރިކަމާ ގުޅުންހުރި ކަންކަމަށް ޚާއްޞަ ކޮށްގެން ކޮމިޓީއެއް އުފައްދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އުފެއްދުމަށް ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީން ބޭނުންވި ނަމަވެސް ވިހިވަނަ މަޖިލިސް ފެށި ޖަލްސާގައި އެކަން ނުކުރެވުނީ ގެދޮރުވެރިކަމާބެހޭ އެކި ކަންކަމުގެ މެންޑޭޓް އޮތް ކޮމިޓީތައް މިހާރު ވެސް ހުރުމުން ކަމަށެވެ. ނަމަވެސް އާންމު ކޮމިޓީން މަޖިލީހުގެ ގަވާއިދަށް ގެންނަ ބަދަލުތަކާއެކު އެ ކޮމިޓީ އުފެއްދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ގެދޮރުވެރިކަމާ ބެހޭ ކޮމިޓީ އަންނަ ޖޫން މަސް ނިމޭއިރަށް އުފެއްދޭނެ ކަމަށެވެ. މި ކޮމިޓީއާއެކު ގެދޮރުވެރިކަމާ ގުޅިގެން މީގެ ކުރިން ދިމާވެފައިހުރި މައްސަލަތަކަށް ޙައްލު ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“ގެދޮރުވެރިކަމާ ބެހޭ ހުރިހާ މައްސަލަތަކެއް އެ ކޮމިޓީއަށް ދިޔައީމަ، އެ ކޮމިޓީގެ ބޭފުޅުން އެކަންކަން ދިރާސާކޮށް، މިދިޔަތަނުގައި މި ދިމާވި މައްސަލަތައް، ގޯތި ދިނުމާއި ގޯތި ހަވާލު ނުކުރުމާއި، ފްލެޓް ދިނުމުގައި އެއްބައި ބޭފުޅުން އެބަބުނޭ ބަހާލީއޭ. އަނެއްބައި ބޭފުޅުން އެބަބުނޭ ތިމަންނަމެންނަކީ ޙައްގުވެރިންނޭ. އެހެންވީމަ އެގޮތަށް ކޮމިޓީއަކާ މިކަހަލަ ހައްސާސް މައްސަލައެއް ހަވާލުކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ދާއިމީ ހައްލެއް ލިބުމަށް އެޅޭނެ ވަރަށް ބޮޑު ބާރެއް،” ނާޒިމް ވިދާޅުވިއެވެ.
ގެދޮރުވެރިކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެކެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް، ޤާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތައް ގެނެސް. އައު ޤާނޫނުތައް އެކުލަވައިލުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

