ސަރުބީ ދަށްކުރުން :
ކަންކުން ފަތަކީ ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، ސަރުބީގެ މިންވަރު ދަށްކުރުމަށް ބޭނުންކުރެވިދާނެ ރަގަޅު ބާވަތެކެވެ. މީދާ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކަންކުން ފަތް ގަވާއިދުން ބޭނުންކުރުމަކީ ހަށިގަނޑުގައި ހިމެނޭ ޖުމުލަ ސަރުބީގެ މިންވަރު ދަށްކޮށް، ސަރުބީގެ ވައްތަރެއް ކަމުގައިވާ “ޓްރައިގްލިސެރައިޑް”ގެ މިންވަރު ވެސް ދަށްކޮށްދޭނެ ކަމެކެވެ.
ރީނދޫވުން :
އަޔުރެވެދިކް ބޭސްވެރިކަމުގައި ރީނދޫވުމާއި، މޭގަނޑުގެ އެކި މައްސަލަތަކަށް ފަރުވާ ކުރުމުގައި ކަންކުން ފަތް ބޭނުންކޮށްފައި ވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ތަފާތު ކެމިކަލް ތަކުގެ ސަބަބުން މޭގަނޑަށް ލިބޭ ގެއްލުމާއި އަނިޔާއަށް ކަންކުންފަތުގެ ދިޔަ ބޭނުންކޮށްގެން ފަރުވާ ކުރެވިދާނެ އެވެ.
ލޭމަދުވުން :
ކަންކުންފަތުގައި ގިނަ އަދަދަކަށް ދަގަނޑު ހުރުމަކީ ލޭމަދު މީހުންނަށާއި، މާބަނޑުމީހުންނަށް ކަންކުންފަތް ބޭނުންކުރުން އެހީއަކަށްވާނޭ ކަމެކެވެ. ދަގަނޑަކީ ލޭގެ ރަތް ސެލްތަކުގައި ހުންނަ ހީމަގްލޯބިން އުފެއްދުމަށް މުހިއްމު މާއްދާ އެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް އޮކުސިޖަން ފޯރުކޮށްދެނީ ހީމަގްލޯބިންގެ އެހީގައެވެ.
ބަނޑުހިކުމާއި، ހަޖަމުނުވުން :
ކަންކުން ފަތުގައި ކާނާގައި ހިމެނޭ ނަރުގެ ބައި “ފައިބަރު” ހުރެއެވެ. ފައިބަރަކީ ހަޖަމު ރަގަޅުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާ އެކެވެ. ފައިބަރަކީ ބަނޑުފަސޭހަކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއަކަށް ވުމުން، ބަނޑުހިކުން ކުރިމަތިވެފައިވާ މީހުންނަށް ވެސް ކަންކުން ފަތް ބޭނުންކުރުން އެހީއަކަށް ވެގެންދެއެވެ. ކަންކުންފަތް ފެނުކައްކައިގެން އޭގެ ދިޔަ ބުއިމަކީ ބަނޑުހިކުން ކުރިމަތިވެފައިވާ މީހުންނަށް ލުއިކަން ގެނެސްދީ، ބަނޑުފަސޭހަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ބަނޑާއި ގޮހޮރުގައި އާލާވާ ފަނި ބޭރުކުރުމަށް ވެސް ކަންކުންފަތް ބޭނުންކޮށް އުޅެއެވެ.
ހަކުރު ބަލި :
ކަންކުންފަތް ގަވާއިދުން ބޭނުންކުރުމަކީ ހަކުރު ބަލީގެ އުދަނގޫތައް ކުޑަކޮށްދީ، ލޭގައި ހަކުރު މިންވަރު ދަށްކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޚާއްޞަކޮށް މާބަނޑު ދުވަސްވަރު ހަކުރު ހުންނަ މީހުން ކެއުމުގައި ކަންކުންފަތް ހިމެނުމަކީ ފައިދާހުރި ބޭނުންތެރި ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަންކުން ފަތް ބޭނުންކުރުމަކީ ކާތަކެތީގައި ހިމެނޭ ހަކުރު ހަށިގަނޑަށް ނެގުން ދަށްކޮށްދޭ ކަމެކެވެ.
ހިތުގެ ބަލިތައް :
ކަންކުންފަތް ބޭނުންކުރުމަކީ ހިތުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ. އެއީ ކަންކުން ފަތުގައި ވިޓަމިން އޭ، ވިޓަމިން ސީ، އަދި ބީޓާ ކެރޮޓީން ގިނަ އަދަދަކަށް ހިމެނޭތީ އެވެ. މިމާއްދާ ތަކަކީ ސަރުބީ ލޭހޮޅިތަކުގައި ތަތްވެ ހަރުލުން ހުއްޓުވައިދޭ ، އެންޓިއޮކްސިޑެންޓްތަކުގެ ގޮތުގައި މަސައްކަތްކުރާ މާއްދާ ތަކެކެވެ. މީގެ އިތުރުން ކަންކުން ފަތުގައި ފޮލިކް އެސިޑް ހުރުމަކީ ލޭގައި ހިމެނޭ “ހީމޯސިސްޓެއިން” ގެ މިންވަރު ދަށްކޮށްދޭނެ ކަމެކެވެ. ހީމޯސިސްޓެއިންގެ މިންވަރު މަތިވުމަކީ ހާރޓް އެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ކަންކުންފަތުގައި ހިމެނޭ މެގްނީޒިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ، ލޭމައްޗަށްދިއުމުން ދުރުކޮށްދެއެވެ.
ކެންސަރުން ރައްކާތެރިކޮށްދިނުން :
ކަންކުން ފަތުގައި ތަފާތު 13 ވައްތަރެއްގެ އެންޓިއޮކްސިޑެންޓް ހުރުމަކީ ކެންސަރުގެ ތަފާތު ބާވަތްތަކުން ރައްކާތެރިވުމަށް ކަންކުން ފަތް ބޭނުންކުރުން އެހީއަކަށްވާނޭ ކަމެކެވެ. އެންޓިއޮކްސިޑެންޓް ތަކަކީ ފްރީ ރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދީ، ފްރީ ރެޑިކަލްތައް ހަށިގަނޑުން ބޭރުކޮށްދޭ މާއްދާ ތަކެކެވެ. މިގޮތަށް ވުމުން ކެންސަރަށް މަގުފަހިވާ ގޮތަށް ހުންނަ ސެލްތައް މަރުވެ ނެތިގޮސް، ހަށިގަނޑުގައި ހުންނަ ރަގަޅު ސެލްތަކުގެ މަސައްކަތް ފުރިހަމަ ވަރުގަދަވެގެން ދެއެވެ. ބުނެވޭގޮތުގައި ކަންކުން ފަތް ބޭނުންކުރުމުން އެންމެ ފައިދާބޮޑީ ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރު، އުރަމަތީގެ ކެންސަރު، ހަމުގެ ކެންސަރު، އަދި ބަނޑުގެ ކެންސަރުން ރައްކާތެރިވުމަށެވެ.
ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން :
ކަންކުން ފަތުގައި ގިނަ އަދަދަކަށް ކެރޮޓިނޮއިޑް ތަކާއި، ލޫޓީން، އަދި ވިޓަމިން އޭ ހުރެއެވެ. މިއީ ލޮލުގެ ދުޅަހެޔޮކަމަށް ވަރަށް ބޭނުންތެރި މާއްދާ ތަކެކެވެ. ކަންކުން ފަތް ބޭނުންކުރުމަކީ “ގުލޫޓެތިއަން”ގެ މިންވަރު ވެސް އިތުރުކޮށްދޭނެ ކަމެކެވެ. ގުލޫޓެތިއަން އަކީ ލޯފުސްވުމުން ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ.
ދިފާއީ ބާރު ރަގަޅުކޮށްދިނުން :
ކަންކުންފަތް ގަވާއިދުން ބޭނުންކުރުމަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށް ވަރުގަދަކޮށްދޭނެ ކަމެކެވެ. އަދި ތަފާތު ބަލިތަކަށް ހުށަހެޅުމުން ދުރުކޮށްދީ، ތަފާތު ބަލިތަކުން ދުރުކޮށް މިންޖުކޮށްދޭނޭ ކަމެކެވެ. މީގެ އިތުރުން ހަށިގަނޑުން ތަފާތު ވިހަތައް ބޭރުކޮށް ސާފުކޮށްދިނުމަށް ކަންކުންފަތް ބޭނުންކުރުން އެހީއަކަށްވެއެވެ.
ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން :
ކަންކުންފަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ (ވިޓަމިން އޭ، ވިޓަމިން ސީ، ކެރޮޓިނޮއިޑްތައް) ސަބަބުން ފްރީ ރެޑިކަލްތަކުގެ ސަބަބުންނާއި، އިރުގެ ދޯދިތަކުން ހަމަށް ލިބޭގެއްލުންތައް ކުޑަކޮށްދީ، ހަމުގައި ރޫޖެހުމުން ދުރުކޮށްދެއެވެ. އަދި ހަމުގެ ކެންސަރުން ރައްކާތެރިކޮށްދިނުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދެއެވެ. އެހެންކަމުން ކަންކުން ފަތް ގަވާއިދުން ބޭނުންކުރާނަމަ ހަންގަނޑު އޮމާންވެ، ތާޒާކަންމަތީ ހުރުމަށް މަގުފަހިވާނެ އެވެ. މީގެ އިތުރުން އޮށާޅަ، ސޮރައިސިސް، އަދި ހަމުގެ ތަފާތު އެލާރޖީތަކަށް ފަރުވާކުރުމަށް ވެސް ކަންކުންފަތް ބޭނުންކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ޖަރާސީމުތަކާއި ދެކޮޅަށް މަސައްކަތްކުރުން :
ކަންކުން ފަތް ހިމެނޭ ގޮތަށް ތަފާތު 3 ވައްތަރެއްގެ ފަތް ބޭނުންކޮށްގެން ތަފާތު 4 ބެކްޓީރިޔާއަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުރިތޯ ބެލުމަށް ހެދުނު ދިރާސާއަކުން އެނގުނު ގޮތުގައި ޖަރާސީމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގާބިލިއްޔަތު އެންމެ ބޮޑަށް ހުރީ ކަންކުން ފަތުގައެވެ. ގޮހޮރުގެ ފާރު : އެސްޕިރިން ބޭނުންކުރުމުން ގޮހޮރާއި ބަނޑުގައި ހެދޭ ފާރު ރަގަޅުކުރުމަށް މީދާ ބޭނުންކޮށްގެން ހެދިފައިވާ ދިރާސާ އަކުން އެނގިފައިވާ ގޮތުގައި ކަންކުންފަތަކީ ފާރު ފަސޭހަކުރުމުގެ ބާރު ލިބިފައިވާ ބާވަތެކެވެ. އަދި ފާރު ހެދުމުގެ ފުރުޞަތު ކަންކުންފަތް ބޭނުންކުރާނަމަ ކުޑަވެގެން ދެއެވެ.
އެހެނިހެން ފައިދާތައް :
- މައްސަރުގެ ތަދު ލުއިކޮށްދިނުން
- ބޮލުގައި ރިހުމާއި ދަތުގައި ރިހުން ލުއިކޮށްދިނުން
- ފާރު ފަސޭހަކޮށްދިނުން
- ބޮލުން އިސްތައްޓާއި ތޮށިފޮޅުން ހުއްޓުވުން
- ނާރުތަކުގެ މަސައްކަތްތައް ހަލުވިކުރުން
- ފިޓުޖެހުމާއި، ވާގިއެރުން އަދި ވެއްޓޭބަލީގެ އުދަނގޫތައް ކުޑަކޮށްދިނުން

