މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ ނަމުގައި ފޭކް އައިޑީއެއް ހަދައިގެން ކްލަބްހައުސް ތެރޭގައި މީހަކު ޖަރީމާތަކެއް ހިންގަމުން އަންނަކަމަށް ޔޫއްޕެ ބުނެފިއެވެ.
ޔޫއްޕެ ބުނާ ގޮތުގައި އޭނަގެ ފޮޓޯ އާއި ނަން ބޭނުންކޮށްގެން އެހެން މީހަކު ކްލަބް ހައުސްގެ ރޫމްތަކުގައި އުޅޭކަމުގެ މައުލޫމާތު ޔޫއްޕެއަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ކްލަބް ހައުސްގައި ޔޫއްޕެ ބޭނުންކުރާ ނަމުގެ ބަދަލުގައި އެމީހާ ބޭނުންކޮށްފައިވަނީ އެހެން ނަމަކާއި އެހެން ފޮޓޯއެއް ކަމަށް ޔޫއްޕެ މައުލޫމާތުދިނެވެ.
ކްލަބްހައުސްގައި ޔޫއްޕެ ބޭނުންކުރާ އަސްލު އައިޑީގައި ފެންނަން އޮންނަ ނަން ޖަހާފައިވަނީ Eupe Xaphyu މިހެންނެވެ. އަދި ޔޫސަރ އައިޑީގައި ބޭނުންކޮށްފައިވަނީ @eupe007 އެވެ.
"ރޭގަ އަޅުގަނޑަށް މީހަކު ގުޅީ. އޭނަ ބުނީ އެމީހުން ހިންގަމުން ދިޔަ ރޫމަކަށް ވަން މީހެއްގެ ފޮޓޯއާއި ނަމުގައި އަޅުގަނޑު ހިމެނޭތީ އެ ގްރޫޕްގެ މޮޑަރޭޓަރުކަން ދިން ކަމަށާ، އެ ހިސާބުން އެ ގްރޫޕުގައި ތިބި މީހުންތައް އޭނާ (ފޭކް އައިޑީގެ މީހާ) ބޭރުކުރި ކަމަށް. އަޅުގަނޑަށް އެކަމަކު އެ ގްރޫޕްގެ ނަން އަހައެއް ނުލެވުނު." ޔޫއްޕެގެ ފޮޓޯއަކާއި ނަން ބޭނުންކޮށްގެން ފޭކް އައިޑީއެއް ހަދައިގެން އުޅޭ މީހާގެ މަޢުލޫމާތު ލިބުނު ގޮތް ހިއްސާކުރަމުން ޔޫއްޕެ ބުންޏެވެ.
ކްލަބް ހައުސްގައި އެއް ޔޫސާރ އައިޑީއިން ދެމީހުންނަށް ވަދެވޭނެ އުސޫލެއް ނޯންނާތީ ޔޫއްޕެގެ އަސްލު އައިޑީ ފާހަނގަ ކުރުމުގައި ސަމާލުވުމަށް ޔޫއްޕެގެ ފޭނުންނަށް ގޮވާލިއެވެ. ޔޫއްޕެ ހިމެނޭ ކްލަބްތަކުން "ޔޫއްޕެ ޕްރޮޑަކްޝަންގެ ނަމުގައި ހަދާފައިވާ ކްލަބް"ގެ އެޑްމިން އަކީ ޔޫއްޕެކަން އެނގޭގޮތަށް ފެހި ކުލައިގެ ތަރިއެއް ހިމެނިފައިވާނެ ކަމަށާއި ކްލަބްހައުސް އަށް ޔޫއްޕެ ނޮމިނޭޓްކޮށްފައިވަނީ ލަވަކިޔުމުގައި މަޝްހޫރުކަން ހޯދަމުން އަންނަ އަލީފް ޢަލީ ކަމަށް ޔޫއްޕެ ވަނީ ބުނެފައެވެ.
ޔޫއްޕެގެ ފޭކް އައިޑީ ގެންގުޅޭ މީހާ ރޫމްތަކަށް ވަދެ، އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ގްރޫޕްގެ މޮޑަރޭޓަރުކަން ލިބިއްޖެ ނަމަ އެ ރޫމެއްގެ ދުވަސް ދުއްވާލައެވެ. އެހެންކަމުން މިއީ ކްލަބްހައުސް ބޭނުންކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއްކަން ޔޫއްޕެ ފާހަގަކުރެއެވެ.

