ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ މެންސްއާ ވާދަކޮށް މެޗު ކާމިޔާބުކޮށް، ތިނަދޫ ޕޮލިހުން މުބާރާތުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދައި ލީގު ތާވަލުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ޑީއާރުސީ މެންސްގެ މައްޗަށް ޕޮލިހުން ކުރިހޯދީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 25-21 އަދި 25-15 އިން ގެންދިޔައީ ޕޮލިހުންނެވެ. ނަމަވެސް، ހިތްވަރާއެކު ކުޅެ ޖެހިގެން އައި ސެޓު 25-14 އިން ގެންގޮސް ޑީއާރުސީ މެންސްއިން އުއްމީދު އާކުރިއެވެ. އެ ޓީމުގެ އުއްމީދުތައް ފެނަށް ދުއްވާލައި ޕޮލިހުން މެޗު ކާމިޔާބުރީ ވާދަވެރި ކުޅުމަކަށްފަހު ހަތަރު ވަނަ ސެޓު 25-22 އިން ނަގައިގެންނެވެ. މިއަދުގެ މެޗުގެ ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ތިނަދޫ ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 7 މުހައްމަދު ޝަހުބާނެވެ.

މިއަދުގެ މޮޅާއެކު ޕޮލިސް ޓީމުން ވަނީ ޖެހިޖެހިގެން ދެ މޮޅު ހޯދައި، ތިން މެޗުން މުޅިއެކު 7 ޕޮއިންޓް އެއްކޮށް، ތާވަލުގެ އެއްވަނަ އަށް ޖެހިލައިފައެވެ. ތާވަލަށް ބަލާއިރު ދެވަނަ މަގާމުގައި ދެ މެޗުން 5 ޕޮއިންޓް ހޯދާފައިވާ ސޭމް ސޭމް އޮތްއިރު މިއަދު ހަވީރު ޕޮލިހުން އަތުން ބަލިވި ޑީއާރުސީ މެންސް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
މުބާރާތުގައި މިރޭ ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ކުޅޭ އަންހެން ޑިވިޝަނުގެ މެޗުގައި ކުއީން ބީސް ނުކުންނާނީ ފިޓް ފެމިނައިންއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މޯލްޑިވްސް ސްޓާރ ވާދަކުރާނީ ސްކޯޕިއަންސްއާ އެވެ. ފިރިހެން ޑިވިޝަނުގެ މި ދެ ޓީމު ވެސް މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ދެ ޓީމު ވެސް ވަނީ އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައެވެ. އެހެންކަމުން މިރޭގެ މެޗަކީ ލީގު ތާވަލުގެ ކުރިއަށް ޖެހިލުމަށް މި ދެ ޓީމަށްވެސް މޮޅުވުން މުހިއްމު މެޗެކެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

