ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ސްކޯޕިއަންސް އަތްދަށުކޮށް މޯލްޑިވްސް ސްޓާރ އިން ފައިނަލުގެ ޖާގައަކަށް އަނެއްކާވެސް ވާންކޮށްފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ސްކޯޕިއަންސްގެ މައްޗަށް މޯލްޑިވްސް ސްޓާރ އިން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. ސެޓުތައް ގެންގޮސްފައިވަނީ 25-16، 25-21 އަދި 25-12 އިންނެވެ. މި މެޗުގެ ޕްލޭޔާ އޮފްދަ މެޗަށް ހޮވުނީ މޯލްޑިވްސް ސްޓާރގެ ޖާޒީ ނަންބަރު 12 މުހައްމަދު އަބްދުލް އަޒީޒެވެ.
މިއަދުގެ މޮޅާއެކު މޯލްޑިވްސް ސްޓާރ ވަނީ ތިން މެޗުން 6 ޕޮއިންޓް ހޯދައިފައެވެ. ތިން މެޗުގެ ތެރެއިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއްކޮޅުން ސްކޯޕިއަންސް ވަނީ ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް ދެ މެޗުން ބަލިވެފައެވެ. ސްކޯޕިއަންސް އަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.
މުބާރާތުގައި މިއަދުވެސް ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ހަވީރު ކުޅޭނީ އަންހެން ޑިވިޝަނުގެ މެޗެކެވެ. މި މެޗުގައި އޯލް ސްޓާރޒް އިން ނުކުންނާނީ ޑީއާރުސީ ވިމެންސްއާ ދެކޮޅަށެވެ. އޭގެ ފަހުން މިރޭ ފިރިހެން ޑިވިޝަނުގެ ދެ މެޗެއް ކުޅޭއިރު ފުރަތަމަ މެޗުގައި ތިނަދޫ ޕޮލިސް ޝޫޓިންގް ސްޓާރާއި ވާދަކުރާއިރު ދެވަނަ މެޗުގައި ސޭމް ސޭމް ނުކުންނާނީ ޑީއާރުސީ މެންސްއާ ދެކޮޅަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

