ސްޓްރެސް(stress) އަކީ ހަގީގަތުގައި ހިތަށާއި ސިކުނޑިއަށް ކަންބޮޑުވެގެން ކުރާ ބާރެވެ. މިއީ ހަށިގަނޑަށް ބާރު ބޮޑުވުމެވެ. މިއީ ހާސްވެ ކަންބޮޑުވުން އެކަންޏެން ނޫނެވެ ފިކުރު ބޮޑުވެ ހިތަށް ތަދުވެ ނަފްސަށް ކުރާ ބާރެކެވެ. އެހެންގޮތަކަށް ބުނާނަމަ ސްޓްރެސް އަކީ ދިރިއުޅުމުގައި ދިމާވާ ހާދިސާއެއްގެ ސަބަބުން ހަށިގަނޑު ވަކި ކަމަކަށް ޑިމާންޑް ކުރުމަށް ކިޔާނަމެކެވެ. މިއީ ހިތާމަވެރިކަމަކަށް ނޫނީ އުފާވެރިކަމަކަށްވެސް ވެދާނެއެވެ. އެފަދަ ކަމެއް މީހަކަށް ދިމާވުމުން ހަށިގަނޑު އެކަމަށް އިޖާބަދޭން ފަށައެވެ. ސްޓްރެސް އަކީ އޭގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި އަސަރުތަކެއް ކޮށްފާނެ ކަމެކެވެ.
ސްޓްރެސް ކުރިމަތިވަމުން އަންނަގޮތް
މިސާލަކަށް ހަނި ގޯޅިއެއްގެ ތެރެއިން ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ހިނގައިފައި ދަނިކޮށް އަނދިރީގެ ތެރޭގައި ހުރި މީހަކު ފެނިއްޖެއެވެ. އެއީ ކަޓަރު އަޅައި، އަތުގައި ހުރި އެއްޗެއް އަތުލަން ހުރި މީހެއް ބާވައެވެ؟
ހަމަވަގުތުން އޭގެ ޒާތުގައި ތިމާގެ ހަށިގަނޑު އެކަމަށް ސަމާލުކަމަށް ގެނެސްދޭނެ ބިރުވެރިކަމެއް ހިތަށް ވަނީއެވެ. ހިއްސުތައް ހޭލައްވައިލީއެވެ. ލޭގެ ތެރެއަށް ހޯރމޯންސްތައް އިތުރުވެގެން ދަނީއެވެ. ނަތީޖާއެއްގެ ގޮތުން ފުންކޮށް ނޭވާލާން ޖެހެއެވެ. ހިތް ހިނގުން އަވަސް ވެއެވެ. މުޅިމީހާ ކައްޓެންހެން ހަރުވެދެއެވެ. އެއީ އެމީހަކު ހަމަލާ ދީފިނަމަ ދިފާއުވުމަށެވެ. ނޫނީ އެމީހެއްގެ ފަރާތުން ސަލާމަތްވުމަށް އައިކޮޅަށް ދުއްވައިގަތުމަށެވެ.
ތިމާއަށް އިހްސާސްވި ބިރުވެރިކަމަށް ހަށިގަނޑު ތައްޔާރު ކުރީއެވެ. ބިރުން ސަލާމަތް ވުމަށެވެ. މިދެންނެވުނީ ތައްކޮޅެއް ކަންތައް ބޮޑު ހާދިސާއަކަށް ވެދާނެއެވެ. އެހެން ނަމަވެސް ކޮންމެވެސް ހިތްބިރަކުން ނުވަތަ ކަންބޮޑުވުމަކުން ސަލާމަތްވުމަށް ތައްޔާރަށް ހުންނަށް ޖެހުމަކީ ބައެއް މީހުންނަށް ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ ބައެއްކަމުގައި ވެފައި ވެއވެ. މިސަމާލުވާ ސަމާލުވުމަކީ މުޅިއަކުން ގޯސްކަމެއް ނޫނެވެ. ނުރައްކަލަކަށް ސަމާލުވުމަކީ ތަބީއީ ކަމެކެވެ. ދުއްވާ އެއްޗިހި ގިނަ މަގެއް ހުރަސްކުރަން ޖެހުނަސް ސަމާލުވާން ޖެހޭތާއެވެ.
ބައެއްފަހަރަށް ވާގޮތަކީ މިބރުވެރިކަމުން ސަލާމަތްވާނެ ގޮތެއްނޭގި ބައެއް މީހުންނަށް އަބަދު ކަންބޮޑުވެފައި ހުންނާން ޖެހެނީއެވެ. އެކަން އެވަނި "ޑިސްޓްރެސް" އަކަށެވެ. (ފުރާނަ ސަލާމަތް ކޮންދިނުމުގެ އާދޭހުގެ ހާލަތަކަށެވެ.) އަބަދު ލޯލިތައް ކޮޅަށް ޖެހިފައި ހުންނަ ކަހަލަ ބިރުގަތުމެއްގައި ހުންނަށް ޖެހުމަކީ ހަށިގަނޑަށް ބާރު ބޮޑުވާނެކަމެވެ. އަބަދު ކުށް ހޯދަން އުޅޭ މީހުން ތިބި އޮފީހެއްގައި އުޅެން ޖެހުމަކީ ބައްޔަކަށް ވެދާނެއެވެ. އެފަދަ މާހައުލެއްގައި އުޅުމަކީވެސް ބައްޔަކަށް ވެދާނެއެވެ. މިހެންވުމުން ކުދިކުދި ކަންތަކާއި ރުޅި އާދެވޭނއެވެ. ފިކުރުބޮޑުވެ ހިތަށް ބާރު ބޮޑުވެފައި ހުންނަ ހުރުމުގެ ސަބަބުން ލޭ މައްޗައް ދާނެއެވެ. ނަތިޖާއެއްގެ ގޮތުން ހިތަށާއި ހަށިގަނޑަށް ގެއްލުން ލިބެމުން ދާނެއެވެ.
ސްޓްރެސް ގެ ވައްތަރުތައް
ސްޓްރެސްގެ ގިނަ ވައްތަރުތައް ހުރެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ވައްތަރުތަކުގެ ތެރޭގައި:-
(ހ) އަމިއްލައަށް ހައްލުކުރެވިދާނެ ސްޓްރެސް : މިކަހަލަ ސްޓްރެސް އާންމުކޮށް ދިމާވާނީ ކަމަކާ ހިތްހަމަނުޖެހި ރުޅިއައުމުން ނޫނީ އެފަދަ ހާދިސާއެއް ދިމާވުމުންނެވެ. މިއީ އަމިއްލައަށް ހައްލުކުރެވިދާނެ ކަމެކެވެ.
(ށ) ހަށިގަނޑުގެ ތެރޭގެ ސްޓްރެސް : މިކަހަލަ ސްޓްރެސް އަކީ ތިމާއަށް ނޭގިނަމަވެސް ކޮންމެވެސް ކަންތައްތަކަކާ ވިސްނައި، ކަންބޮޑުވެ ގޮތް ހުސްވުމެވެ. މިކަހަލަ ސްޓްރެސް އަކީ ވަރަށް ނުރައްކާތެރި ސްޓްރެސް އެކެވެ. ސަބަބަކީ އިންސާނާގެ ޒަމީރު މިކަމަށް ބާރު ފޯރުވާތީއެވެ.
(ނ) އެންވައަރމެންޓަލް ސްޓްރެސް : މިއީ ތިމާ ދިރިއުޅޭ ތިމާވެށީގެ ނޫނީ މާހައުލުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. މިސާލަކަށް މާ އަޑުގަދަވެގެން ނޫންނަމަ މީހުން ގިނަވެގެންނެވެ.
ސްޓްރެސް ވާން ދިމާވާ ސަބަބުތައް
އާންމުކޮށް ސްޓެރެސް ވާންޖެހޭ ސަބަބުތަކަށް ބަލާލާއިރު އަންނަނިވި ސަބަބުތައް ފާހަގަކޮށްލެވެއެވެ.
- ކޮންމެވެސް ކަންތަކާ ހިތްދަތިވެ ހިތާމަ ކުރިމަތިވެގެން ( މިސާލަކަށް ގާތް މީހަކު މަރުވުން)
- އާއިލީ މައްސަލަތައް ކުރިމަތިވުން
- ފައިސާގެ މައްސަލަތައް
- ވަޒީފާގެ މާހައުލުގެ މައްސަލަތައް
- ވަގުތުގެ ބޭނުން އެދެވޭ ގޮތުގައި ބޭނުން ނުކުރުގެ ސަބަބުން
- ބަލިވުމުގެ ސަބަބުން
ސްޓްރެސް ވުމުން ފެނިދާނެ އަލާމާތްތައް
ދިރިއުޅުމުގައި އިންސާނާއަށް ދިމާވާ ކަންތަކަށް ހަދާނެ ގޮތް ހުސްވުމުން ނުވަތަ ސިކުޑީގައި އެފަދަ ކަންތަކާ ހެދި ޕްރެޝަރ އުފެދުމުން ސްޓްރެސް ކުރިމަތިވެއެވެ.
- ލޭގެ ޕްރެޝަރު މައްޗަށްދިއުން
- ނޭވާލުން އަވަސްވުން
- ހިތުގެ ވިންދު އަވަސްވުން
- ރަނގަޅަށް ނުނިދުން (ނިދިނައުން)
- ގޮހޮރުގެ ނިޒާމް ދަށްވުން
- ވިސްނުމުގެ ނިޒާމް ދަށްވުން
މީގެ އިތުރުން އިންސާނާގެ ހަށިގަނޑަށް ސްޓްރެސްގެ ސަބަބުން ކުރާނެ އަސަރުތަކަކީ :-
- ދާހިއްލުން
- ބުރަކަށިގައި ރިއްސުން
- މޭގައި ރިއްސުން
- ހިތުގެ ވިންދު އަވަސްވުން
- ބޭރަށްހިންގުން ނޫނީ ބަނޑުހަރުވުން
- މޭނުބައިކުރުން
- ބޯއެނބުރުން
- މާގިނައިން އަރިދަފުސް ރޯގާ ޖެހުން
- ޖިންސީގުޅުން ބޭނުންނުވުން
ސްޓްރެސްގެ ސަބަބުން އިންސާނާގެ އިހުސާސްތަކާއި ވާހަކަދެއްކުމަށްވެސް އަސަރު ފޯރައެވެ. އެފަދަ ކަންތައްތަކަކީ:-
- މާގިނައިން ކެއުން ނޫނީ މާމަދުން ކެއުން
- މާގިނައިން ނިދުން ނޫނީ މާމަދުން ނިދުން
- އަވަހަށް ރުޅިއައުން (ސިނގުރުޅި އައުން)
- ދެރަވެ ރޮއިހެދުން
- މީހުންނާއި، ގުޅުން ކުޑަވެ، ދުރުދުރުން އުޅުން
- ކަންކަމަށް ފަރުވާ ކުޑަވުން
- ނިޔަފަތި ކެއުން ކަހަލަ އާދަތައް ގެންގުޅުން
ބައެއް ކަހަލަ ނޭދެވޭ އާދަތައް ވެސް ސްޓްރެސްގެ ސަބަބުން ފެށޭގޮތް ވެއެވެ. އެގޮތުން :-
- ދުންފަތުގެ އިސްތިއުމާލުކުރުން
- މަސްތުވާތަކެތި ބޭނުންކުރުން
- ބަނގުރާބުއިން
ސްޓްރެސްވުމުން ފެނިދާނެ ނިޝާންތައް ތަފާތު ގޮތަކަށް
- ހަމަޖެހިލައިގެން އަރާމްކޮށްލަން އޮތުން އުނދަގޫވާނެއެވެ.
- މަސެއްކަތެއްގައިވެސް ދެމިހުންނަން ވެސް އުނދަގޫވާނެއެވެ.
- މާދަމާއާމެދު ފިކުރުކޮށް ނިދިނައިސްގެން ގިނައިރު އޮންނަން ޖެހޭނެއެވެ.
- ހަށިގަނޑު ހުންނާނީ ހަރުކަށިކޮށެވެ.
- ކަރަށްބާރުވެ ކަރަށް ތަދުވާނެއެވެ.
- ކެތްތެރިކަން ކުޑަވެފައި އަވަހަށް ރުޅި އިސްވާނެއެވެ.
- އެހެންމީހުން ވާހަކަ ދައްކަނިކޮށް މެދުކަނޑާލައި ތިމާ ބޭނުން އެއްޗެއް ބުނާނެއެވެ.
- ސިކުނޑިގައި ބައިވަރު ކަންތައް އެނބުރޭނެއެވެ.
- ސަމާލުކަންދޭން އުނދަގޫވާނެއެވެ.
- ދުންފަތުގެ އިސްތިއުމާލު ކުރުން އިތުރުވާނެއެވެ.
- ކާލެއް އަވަސް ވާނެއެވެ.
- ދިރިއުޅުމަކީ މައްސަލަނޫން އެހެން އެއްޗެއް ނޫންކަން ދެކޭނެއެވެ.
- ގިނަގިނައިން އެހެންމީހުންނާއި، ޒުވާބު ކުރާނެއެވެ.
- ކަނތައް ނިންމަން އުނދަގޫވާނެއެވެ.
- ތިމާ ބޭނުން ނުވާގޮތަށް އެހެން މީހުންގެ ކަންތައްތައް ހުރުމުން މާޔޫސް ވާނެއެވެ.
- ބަނޑުގައި ގޭސް އުފެދި އަނގަ ހިކޭގޮތްވާނެއެވެ.
- ހުދުހަމުން ދާހިއްލާނެއވެ.
- ހިތްތެޅުން އަވަސް ވާނެއެވެ. ނޫނީ ހިތުގެ ވިންދު އަވަސްވާނެ އެވެ.
ސްޓްރެސް ކޮންޓްރޯލްކުރުން އަދި ސްޓްރެސްއާއި ކުރިމަތިލާނެގޮތް
ސްޓްރެސް އަކީ އަމިއްލައަށް ވެސް ރަނގަޅުކުރެވިދާނެ ކަމެކެވެ. އަދި ބޮޑުވަރުވެއްޖެ ނަމަ ބޭސް ބޭނުން ކޮށްގެންވެސް ރަނގަޅުކުރެވޭނެ ކަމަކެވެ. އެގޮތުން އަމިއްލައަށް ހައްލުކުރަން ނުވަތަ ސްޓްރެސް އާއި ކުރިމަތިލާން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.
(ހ) ކަސްރަތުކުރުން : ކަސްރަތުކުރުމަކީ ލޭދައުރުކުރާ ނިޒާމާއި، ސިކުނޑިއަށް ވަރަށް ފައިދާހުރި ކަމެކެވެ.
(ށ) މަޝްވަރާ ކުރުމާއި، ޚިޔާލުފާޅުކުރުން : މަސައްކަތުގެ މާހައުލާއި، ގޭތެރޭގައި ވެސް ކަންތައްތަކާ މަޝްވަރާކޮށް، ހިތު ތެރޭގައި ފޮރުވާފައި އެއްޗެއް ނުބާއްވައި، އިތުބާރުކުރެވޭ ކޮންމެވެސް މީހަކާ މަޝްވަރާކޮށް، ޚިޔާލުބަދަލުކުރެވިދާނެ އެވެ.
(ނ) ފައިދާހުރި ކާނާ ބޭނުންކުރުން
(ރ) ވަގުތު ހެޔޮގޮތުގައި ބޭނުންކުރުން
(ބ) ހަމަޖެހިގެން އަރާމުކުރެވޭތޯ ބެލުން
(ޅ) އެހެނިހެން ކަންތައްތައް
- ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް މަސައްކަތްކުރުން
- ލޭގެ ޕްރެޝަރު ކޮންޓްރޯލްގައި ބެހެއްޓޭތޯ ބެލުން
- އާދަވެގެން ކަސްރަތުކުރުން
ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ސިގިރެޓާ ، މަސްތުވާތަކެއްޗާއި، އަދިވެސް އެހެނިހެން އެފަދަ ހަށިގަނޑަށް ގެއްލުންދޭ އެއްޗެތިން ސްޓްރެސް ފިލުވުމަށް އެހީތެރިވެދެއެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެފަދަ އެއްޗިއްސަކީ މިކަމަށް އެއްވެސް ފައިދާ ކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެފަދަ ތަކެތި ބޭނުންކުރުމުން ސްޓްރެސް ހައްތަހާ އިތުރުވާކަމަށް ދިރާސާތަކުން ދައްކައެވެ.
އަމިއްލައަށް ސްޓްރެސް ކޮންޓްރޯލް ނުކުރެވޭނަމަ، އަދި އެކަންތައް ދެމިގެން ދާނަމަ ޑޮކްޓްރެއްގެ ލަފާ ހޯދުން މުހިއްމެއެވެ. ނަމަވެސް އާއްމުކޮށް މިކަމަށް ޑޮކުޓަރުން ބޭސް ނުދެއްވައެވެ. އެކަމަކުވެސް ސްޓެރެސްގެ ސަބަބުން ދިމާވާ އެހެނިހެން ބޮޑެތި ކަންތައްތަކަށް ބޭސްދެއްވާނެއެވެ.

