އާސަންދަ މެދުވެރިކޮށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ތައިލެންޑަށް ބޭސް ފަރުވާއަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
އާސަންދައިގެ ހިދުމަށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވައުދުފުޅެކެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ ޔޫއޭއީ އާއި ތައިލެންޑަށް ދިވެހިންނަށް ބޭހަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ޒީނިޔާ ވިދާޅުވީ ރާއްޖެއިން ލިބެން ނުހުންނަ ފަރުވާގެ ކަންކަމުގައި ސްރީލަންކާ އަދި އިންޑިއާ އަށް ބަރޯސާ ނުވެ އެހެން ގައުމުތަކަށް ބަލިމީހުން ފޮނުވޭނެ ގޮތްތައް ބަލަމުން ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާގެ އެއް ބޭނުންފުޅެއް ރާއްޖޭގައި ލިބެން ނުހުންނަ ހިދުމަތްތައް ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކަކުން، މިހާރަށްވުރެ ވެސް ރަނގަޅު ސިއްހީ ހިދުމަތްތަކެއް ލިބޭކަހަލަ ތަންތަން ހޯދާ އެތަންތަނަށް ދިވެހިން ރާއްޖޭގައި ލިބެން ނެތް ފަރުވާ ހޯދަން ފޮނުވުން،” ޒީނިޔާ ވިދާޅުވި އެވެ.
ރައީސް މުއިއްޒު ޗައިނާ ދަތުރަށް ފަހު އަނބުރާ ރާއްޖެ ވަޑައިގެން ވިދާޅުވީ މި އަހަރު އާސަންދަ ސްކީމު ސިއްހީ ފަރުވާގެ “ފެންވަރު ރަނގަޅު” ޔޫއޭއީ އާއި ތައިލެންޑަށް ފުޅާކުރައްވާނެ ކަމަށެވެ. އަދި މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ އެ ތަންތަނަށް ދަތުރު ކުރާއިރު ހުރުމަށްދާ ހަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެ ގޮތް ހެދުމެވެ.

