އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ކުރިއަށްދާ ހާލު ކިހިނެއް ޕްރޮގުރާމް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.
މި ޕްރޮގްރާމުގެ މަޤުޞަދަކީ ރައްޔިތުންގެ ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ޙާލަތު ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ދިމާވާ ކަންކަމާ ގުޅުންހުރި ފަރާތްތަކުގެ އެހީތެރިކަމާއެކު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
އެ ވުޒާރާއިން ބުނީ މި ފަދަ ޕްރޮގުރާމެއްގެ މަގުސަދަކީ ރައްޔިތުންނާއި ގުޅިގެން، ގާތުން ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ އުނދަގޫތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުން ކަމަށެވެ.
މި ހަރަކާތް ފުރަތަމަ ފެށުމަށް ނިންމާފައިވަނީ ހުޅުމާލެ ހިޔާފްލެޓް ސަރައްހައްދުގައި ކަމަށާއި ހަވީރު 4:00 ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. މިއަދު މާލޭގައި ފެށުނު ކަމުގައިވީ ނަމަވެސް އަތޮޅުތެރޭގައިވެސް މި ހަރަކާތް ކުރިއަށްދާނެ ކަމަށާއި، މިހާރު ދަނީ އެކަމަށްވާން ޖެހޭ ތައްޔާރީތައްވަމުން ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.
"ހާލު ކިހިނެއް؟"ނަމުގައި ކުރިއަށްދާ ޕްރޮގުރާމަށް އެ ވުޒާރާއިން ވަނީ އެފަރާތުގެ މުއައްޒަފުންވެސް ތަމްރީން ކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައިވަނީ މުޖުތަމަޢުގައި ހަވާސާވެ ނިކަމެތިފައިވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް، އޯގާތެރި ކުލުނުވެރި މުޖުތަމަޢެއް ބިނާކުރުމަށް، ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި ތިބޭނެ ކަމަށެވެ.
ހާއްސަކޮށް އެ ވުޒާރާގެ މުވައްޒަފުންނަކީ، އެފަރާތްތަކުން ކުރާ މަސައްކަތަށް އެންމެ ޤާބިލް ކަމާއިއެކު އެހީތެރިކަންދީ ނަތީޖާ ނެރޭ ބަޔަކަށް ހެދުމަށް އެހެނިހެން ތަމްރީނުތައްދީ ކޮންމެ ރަށެއްގައިވެސް ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިވުމަށް، ރަށުގެ އެހެން މުއައްސަސާތަކާއި ގުޅިގެން، ބެލެނިވެރިކަމުގެ ދަށުން އެކުލަވާލައިފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޓީމުތަކަށްވެސް އިތުރު ތަމްރީނުތައްދީ ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް ވެސް ބުނެފައި ވެއެވެ.

