ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، ރައީސް ޑރ މުހައްމަދު މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުން، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ޚާއްޞަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް، ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ދެންނެވީ، ބާބެޑޯސްގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިންއެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އޮނަރަބަލް ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭން އެވެ.
ރައީސް ޑރ މުއިއްޒު އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީޚީ ތަންތަން ދައްކައިލެއްވުމުގެ ޚާއްޞަ "ސައިޓްސީން"އެއް އެ ޤައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށްދެއްވައިފައެވެ. އަދި ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ޤައުމުގައި މަޑުކޮށްލެއްވީތީ މަރްޙަބާއާއި ޝުކުރު ދަންނަވައިފައެވެ.
ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ "ސިޑްސް" ގެ މަހާސިންތާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.

