ޗައިނާގެ ހަންގްޒޫގައި ހުންނަ އަލީބާބާ ގްރޫޕުގެ ހެޑްކުއާޓަރަށް ޒިޔާރާތް ކުރައްވައި އެ ކުންފުންޏާއި ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރަން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓަރު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޒިޔާރާތް ކުރެއްވުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އަލީބާބާގެ ޓްރެވަލް ޕްލެޓްފޯމް، ފްލިގީއާ ގުޅިގެން މަސައްކަތް ކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
ހަންގްޒޫގައި ހުންނަ އަލީބާބާ ގްރޫޕުގެ ހެޑްކުއާޓަރަށް މިނިސްޓަރު ފައިސަލް ޒިޔާރާތް ކުރައްވާފައިވާއިރު ޗައިނާ އެސްޓާސް އެއާލައިންސް (ސީއީއޭ)ގެ ނައިބު ރައީސް ވަން ކިންގ ޗާއޯ އާ ވެސް މިނިސްޓަރު ފައިސަލް މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ.
ޗައިނާގެ ޓްރެވަލް މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ލީޑިންގ ބީ2ބީ ޓްރޭޑް ޝޯއެއް ކަމަށްވާ އައިޓީބީ ޗައިނާ 2024 އިފްތިތާހު ކޮށްދެއްވީ މިނިސްޓަރު ފައިސަލްއެވެ.
މިނިސްޓަރު ފައިސަލް އައިޓީބީ ޗައިނާ 2024 އިފްތިތާހު ކޮށްދެއްވާފައިވާއިރު މި އަހަރުގެ އައިޓީބީ ޗައިނާގެ އޮފިޝަލް ޑެސްޓިނޭޝަން ޕާޓްނަރަކީ ދިވެހިރާއްޖެއެވެ. މި މަހުގެ 27 ވަނަ ދުވަހު ފެށި މި ޝޯ ކުރިއަށްދާނީ މިއަދުގެ ނިޔަލަށެވެ.

