ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކުއްޖެއް އެ ހޮސްޕިޓަލުގެ އިހުމާލުން ހާލު އިތުރަށް ގޯސްވި ކަމަށް ބުނާ މައްސަލަ އެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުކުރި ތުއްތު ކުއްޖެއްގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ޕޯސްޓަކާ ގުޅިގެން އެ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވޭތޯ ސުވާލު ކުރުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މައްސަލަ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އެ މައްސަލަ މިނިސްޓްރީއާ ގުޅިގެން ހޮސްޕިޓަލުން ވެސް ބަލަމުން އަންނަ ކަމަށެވެ.
ކުއްޖާގެ އާއިލާއިން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، ކުޅުއްދުއްފުށީ ހޮސްޕިޓަލަށް އެ ކުއްޖާ ގެންދިޔައީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ހުން އަންނަމުން ދާތީ ކަމަށެވެ. އެ ކުއްޖާ އެ ހޮސްޕިޓަލްގެ ޑޮކްޓަރަށް ފަސް ފަހަރު ދެއްކި ކަމަށާއި އެކަމަކު އެ އިން ކޮންމެ ފަހަރަކު ވެސް އާދައިގެ ކަމެއް ކަމަށް ނިންމައި ގެއަށް ފޮވާލަނީ ކަމަށް އެ ޕޯސްޓުގައި ވެ އެވެ.
“އެންމެ ފަހުން އާދޭސް ކޮށްގެން ޓެސްޓް ހެދީމާ އެނގުނީ ޑެންގޫ އަށް ޕޮޒިޓިވް ވެފައި ވާކަން. ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފައިވާކަން،” ކުއްޖާގެ އާއިލާގެ ޕޯސްޓުގައިވެ އެވެ.
އެ ކުއްޖާ މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެ ހޮސްޕިޓަލުން ބުނީ ކެނިއުލާ ގުޅުމުގެ ތެރޭ މަސްގަނޑަށް ލޭއެޅިފައި ހުރިތަން ރަނގަޅު ނުވާ ނަމަ ކުއްޖާގެ އަތް ސާޖަރީ ކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް، ކުއްޖާގެ ހާލަތު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
އާއިލާ އިން ވަނީ ކުއްޖާ އަށް އެގޮތަށް ދިމާވީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތުކޮށް، އެކަމުގައި އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.

