ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތް ވެފައިވާ ގައުމަކަށް ހެދުމާއި ގޭންގު ކުށްތައް ހުއްޓުވުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގާނޫނުގެ ތެރެއަށް ފެއްތުމަށް އެހީތެރިވުމަކީ ދިވެހި ސަރުކާރުން ފުލުހުންގެ ކިބައިން އެދޭ އެންމެ ބޮޑު އެދުން ކަމަށް ވާއިރު، އެ ކަންކަމާ ގުޅިގެން ހުށަހަޅާ ރިޝްވަތުން ސަލާމަތް ވާން ހޯމް މިނިސްޓަރު އަލީ އިހުސާން ރޭ ފުލުހުންނަށް ގޮވާލައްވައިފި އެވެ.
އައްޑޫގައި ބޭއްވި ފުލުހުންގެ ތަމްރީނު ކޯހެއްގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އެދިވަޑައިގަތީ އެ ކަންކަން ފުރިހަމަ ކުރުމަށް ފުލުހުންގެ ވެރިންގެ އިރުޝާދާ އެކު މަސައްކަތް ކުރުމަށެވެ.
“މި ކަންކަން ވިޔަ ނުދިނުމަށް ދައުލަތުގެ އެތެރެއިންނާއި ބޭރުން އަދި މި ކަންކަން ކުރުމުގައި ޝާމިލްވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރު ދީ، ބިރު ދެއްކުމާއި ފުރައްސާރަކޮށް ތިޔަ ކުދިންގެ މަސައްކަތަށް ހުރަސް އެޅުމަށް މަސައްކަތް ކުރާނެ،” އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުންނަށް ދޭ ތަމްރީނުތަކުގެ ބޭނުމަކީ އަދި އެ މީހުން ކުރާ ހުވައާ އެއްގޮތަށް އަމަލު ކުރުމަކީ ވެސް ހުށަހަޅާ ރިޝްވަތާއި އިންޒާރަށް ބެލުމެއް ނެތި މަގުސަދު ހާސިލް ކުރުން ކަމަށެވެ.
“ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައުއަކަށް ހެދުމާއި، ރާއްޖެއަކީ ގޭންގު ހަދައިގެން ކުށް ކުރަމުންދާ ވެއްޓެއްގެ ގޮތަށް އޮތް އޮތުން ބަދަލުކުރުމާއި، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަން. ތަމްރީން ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ކުދިންގެ ފަރާތުން އަޅުގަނޑު އެދެނީ މިދެންނެވި ކަންކަން ކާމިޔާބު ކުރުމަށް ތިކުދިންގެ ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަޅާ މަސައްކަތް ކުރުމަށް،” ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
އިހުސާން ދެއްވި ޔަގީން ކަމަކީ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ދޭން ބޭނުންވާ އެހީތެރިކަން އޭނާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ފުރިހަމަ އަށް ދެއްވާނެ ކަމެވެ.
މިިނިސްޓަރު ވިދާޅުވީ، ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަތައް އަވަހަށް ތަންފީޒުކޮށް، ރައްޔިތުންނަށް އިންސާފު ގާއިމް ކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު ވާޖިބު ކަމަށް ވާއިރު އެ ކަމުގައި އެންމެ އިސްކޮށް ތިބީ ފުލުހުން ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ ފުލުހުން ގިނައިން މަގުތަކުން ނުފެންނާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، ރަށުތެރެއިން ކަމެއް ހިނގި ކަމުގެ ރިޕޯޓެއް ނެތް ނަމަ ފުލުހުން ގިނަ ފަހަރު ޑިއުޓީ ނިންމާލަނީ ރައްޔިތުންގެ ތެރެއަށް ނުނިކުމެ، ހަމައެކަނި ސްޓޭޝަނުގައި ތިބެގެން ކަމަށާއި އެއީ ހިތާމައެއް ކަމަށެވެ. އެހެންވެ، އެއީ ބަދަލުވާންޖެހޭ ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

