އެވިޑް ކޮލެޖުން އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަނާ ގުޅިގެން ކުރިއަށްގެންދާ އެމްބީއޭ ކޯސްތަކެއް އިފްތިތާހުކޮށްފިއެވެ.
މި ކޯސްތަށް ހިންގުމުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެވިޑް ކޮލެޖުން ދެމުންގެންދާ ޚިދުމަތް ފުޅާކުރުމާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށް އެވިޑް ކޮލެޖުން ބުނެއެވެ. އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުން އެ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި އުކުޅުތައް ދަސްވުމުގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ލައިބްރަރީއަށް އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް މިކަމުގެ ސަބަބުން އެކްސެސް ލިބިގެން ދިޔުމުގެ ފުރުސަތު ފަހިވެގެންދާކަން އެކޮލެޖުން ފާހަގަކުރައްވައެވެ.
މި ކޯސްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޒީރު ވަނީ ވެސްޓް ލަންޑަން ފަދަ ޔުނިވަރސިޓީއަކުން މިފަދަ ފުރުސަތެއް ލިބުމަކީ ރާއްޖޭގެ މަތީތަޢުލީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އެވިޑް ކޮލެޖުގެ ފަރާތުން މިފަދަ ފުރުސަތެއް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ، އެ ކޮލެޖުގެ ފަރާތުން ދިވެހި މުޖުތަމަޢުއަށް ދެއްވި ވަރަށް ބޮޑު ހަދިޔާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
“މިއީ ދިވެހި ލޮބުވެތި ދަރިވަރުން އާ އުސްމިންތަކަށް އެރުމަށްޓަކައި އަރަންވީ އަގުހުރި ފާލަމެއް، އަޅުގަނޑު އެދެނީ މިދާއިރާއިން ކިޔަވަން ބޭނުންވާ ހުރިހާ ދަރިވަރުން ވެސް، މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި، ތަޢުލީމީގޮތުން އުސްމިންތަކަށް ދަތުރު ކުރުމަށް ހިތްވަރާއި އެކު މަސައްކަތް ކުރުމަށް” ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ މި ކޯސް ހިންގެވުމުގައި ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަނުން ގެންގުޅޭ އުސޫލުތަކާއި އެ ސްޓްރެޓެޖީސްތަކާއި އެއްގޮތަށް އެވިޑް ކޮލެޖުން ހުރިހާކަމެއް ވެސް އިންތިޒާމުކޮށް ހަމަޖައްސާނެ ކަމަށެވެ.
“އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ދެމުންދާ ޚިދުމަތަކީ ގައުމީ ފެންވަރުގަ އަދި ދުނިޔޭގެ ފެންވަރުގަ ބަލައިގަންނަ ޚިދުމަތަކަށް ވުން” މުޝްތާގް ވިދާޅުވިއެވެ. އަދި މިހާރު ވެސް ބައިނަލް އަގުވާމީ ފެންވަރުގައި އެ ކޮލެޖުގެ ކޯސްތައް ބަލައިގެންފައިވާކަން މުޝްތާގު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށް ދިނުމަށް، އެވިޑް ކޮލެޖު އުފައްދާފައިވަނީ 2005 ވަނަ އަހަރު އެވިޑް ޓްރެއިނިން ސެންޓަރުގެ ނަމުގައެވެ. އެކޮލެޖުންވަނީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެތަކެއް ސަތޭކަ ކުދިންނަކަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައެވެ.

