މި ފާއިތުވީ 6 މަސް ދުވަސް ތެރޭ ރާއްޖެއަށް އެތެރެ ކުރަން އުޅުނު 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ މިދިޔަ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 51 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، އޭގެ މަގުމަތީ އަގު 100 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ރާއްޖެއަށް އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފައްޓާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެންމެ ގިނައީ ސިންތެޓިކް ކެތިނޯންއެވެ.
އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ތަފާސްހިސާބު
ހޭޝްް އޮއިލް: 910ގ
މެތްއެމްފެޓަމިން: 4714ގ
ކެނަބިސް: 101.80ގ
ސިންތެޓިން ކެތިނޯން: 13536ގ
އެމްފެޓަމިން: 451ގ
ސިންތެޓިކް ކެނަބިނޮއިޑްސް: 25ގ
ކޮކޭން: 18855ގ
ހެރޮއިން: 7400ގ
މެފެޑްރޯން: 3870ގ
އެމްޑީއެމްއޭ: 1152ގ
ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެ ކުރުމަށް މަސައްކަތް ކުރާ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން ބޮޑެތި އަދަދުތަކުން އެތެރެކޮށްފައިވާ ނުވަތަ އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާ ތަކެތި އަތުލައިގަނެފައިވާއިރު، ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ޒާތުގެ މަސްތުވާތަކެތިވެސް ދައުރުވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

