ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކްގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އާ ޕުރޮމޯޝަނެއް މިއަދު އިއުލާނުކޮށްފިއެވެ.
އަންނަ ޖުލައި މަހުގެ 28ގެ ނިޔަލަށް ހުޅުވާލި މި ޕްރޮމޯޝަންގައި ބީއެމްއެލް އެންމެ ފަހުން ތައާރަފު ކުރި އިސްލާމިކް ކްރެޑިޓް ކާޑަކަށް އެޕްލައިކޮށްގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. ބީއެމްއެލް އިސްލާމިކުން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރަފުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
ބީއެމްއެލް އިން އިއުލާނުކޮށްފައިވާ ކްރެޑިޓް ކާޑު ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށް، ކާޑު އެޕްރޫވްވާ މީހުންނަށެވެ.
ބީއެމްއެލްއިން ބުނީ، އިސްލާމިކް އެމެކްސް ކްރެޑިޓް ކާޑަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް އެޕްލައި ކުރެވޭނެ ކަމަށެވެ.
ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ކާޑު މެންބަރުންނަށް ލޯކަލް އަދި އިންޓަނޭޝަނަލް އޮފާތައް ހިމެނޭ ގޮތަށް ތަފާތު ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ބުކިން ޑޮޓްކޮމްއިން އެކްސްކްލޫސިވް ސޭވިންގްސްއާއި ކެއުމުގެ އެކި އެކި ތަޖުރިބާތަކުގެ އޮފާތައް ހިމެނެއެވެ. މީގެ އިތުރުން، މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީޕޭ މެދުވެރިކޮށް އިންސްޓޯލްމަންޓް ޕޭމަންޓް އޮޕްޝަން ވެސް ލިބެއެވެ.
ބީއެމްއެލްއިން ބުނީ، މި ކާޑު ފަރުމާކޮށްފައި ވަނީ އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ކަމަށާއި މި ކާޑު ދޫކުރާނީ ސްޓޭންޑާޑް، ގޯލްޑް އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައި ކަމަށެވެ.

