މި ހުކުރު ހާއްސަ ވީ ކީއްވެގެންތޯއެވެ.. އަސްތާ، މިއީ ސުކޫލުތައް ހުޅުވުނުފަހުން އައި ފުރަތަމަ ހުކުރެވެ. ހާއްސަކޮށްލަން ވާނެތާއެވެ. އެހެންވީމާ މިއަދު ކަލިޔާބިރިންޖީ އަދި ކަނޑުކުކުކުޅު ތައްޔާރުކޮށްލަމާ ހިނގާށެވެ.
ބޭނުންވާ ތަކެތި؛
- 4 ލާހީގެ ހަނޑޫ
- 2 ކާށި ކިރު (ކާށިން ހުނި ގާނައިގެން)
- 6 ކަރަންފޫ
- 6 ކާފޫރުތޮޅި
- 2 ފޮނިތޮށި
- 3 ފިޔާ
- ރަހަލާ ވަރުގެ އިނގުރު
- 5 ގްރާމް ދިރި
- ގިތެޔޮ
- ކާށިތެޔޮ
ކައްކާނެ ގޮތް؛
އެންމެ ފުރަތަމައިން، ރަނގަޅަށް ހަނޑޫ ދޮންނެވުމަށްފަހު، ތެއްޔަކަށް އަޅުއްވައި، އޭގެ ތެރެޔަށް ދިރިކޮޅު އަޅާލާށެވެ.
ފިޔަޔާއި އިނގުރު ތަށްޓަކަށް އަޅައި އެ އެއްޗެތީގެ މަތީން އަރާވަރަށް ފެންފޮދެއް އަޅުއްވާފައި ބެހެއްޓެވުމަށް ފަހު، ފޮނިތޮށްޓާއި، ކާފޫރުތޮޅިއާއި، ކަރަންފޫ ވެސް، އޭގެ ފެން ބޭނުން ކުރެއްވޭނޭ ގޮތުގެ މަތީން، ފެންފޮދަކަށް އަޅާފައި ބަހައްޓާށެވެ.
ގިތެލާއި ކާށިތެޔޮ، މީރުކުރާން އުއްދަވާށެވެ. ލޮނުފޮދަކާއި، ފިޔާފެނާއި، ފޮނިތޮށި، ކާފޫރުތޮޅި ފެނާއި އަޅުއްވައިގެން، ގިތެޔޮގަނޑު ރަނގަޅަށް މީރުވުމަށްފަހު، އޭގެތެރެޔަށް ހަނޑޫ އަޅައިގެން ހަނާ ކުރާށެވެ.
ހަނާކުރާނީ ދިޔަ ހިކި، ހަނޑޫގަނޑު ރަނގަޅަށް ހަނާވަންދެންނެވެ. ރަނގަޅަށް ހަނާވުމަށްފަހު، ކިރު އަޅައި ހެޔޮވަރު ވަންދެން، ފެން އަޅާށެވެ! ދެން ލޮނު ހެޔޮވަރު ކުރައްވައިގެން، ކައްކަމުން ދާށެވެ. މަތިން ހިނދެން ކައިރިވުމަށްފަހު، ކުރިން ތައްޔާރު ކުރައްވާފައިވާ، ”ފިޔާ” ފެނާއި، ފޮނިތޮށި ކާފޫރުތޮޅި ފެން އަޅައި، ރަނގަޅަށް އެއްކުރުމަށްފަހު، ބާލާށެވެ.
ފިހުނު ކުކުޅު
ބޭނުންވާތަކެތި
- 1 ކުކުޅު (1 ކިލޯ)
- 2 ލޮނުމެދު
- ½ ޖޯޑު ލޮނުމިރުސް
- 4 ސަމުސާ ޓޮމާޓޯ ޕޭސްޓް
- 1 ސަމުސާ މާމުއި
- 1 ސަމުސާ ބަޓަރު
- ލޮނު
- ތެޔޮ ނޫނީ ބަޓަރު
ތައްުޔާރުކުރާނެ ގޮތް:
އަވަން ހޫނު ކުރަން ޖައްސާށެވެ. ކުކުޅު ފިހަން ބޭނުން ކުރާނެ ތަބަކުގައި ފޮއިލްއަޅައި، ފޮއިލް މަތީގައި ބަޓަރު ނޫނީ ތެޔޮކޮޅެއް ހާކާލާށެވެ.
ލޮނުމެދުކޮޅު ގާނާލައި ބޯތަށްޓެއްގެ ތެރެއަށް ގޭނި ލޮނުމެދުކޮޅާއި، ލޮނުމިރުސް، ޓޮމާޓޯ ޕޭސްޓް، މާމުއި، ބަޓަރުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.
ކުކުޅު ރަނގަޅަށް ދޮވެލުމަށްފަހު ރަނގަޅަށް އެއިން ފެން ހިއްކާލާށެވެ. ކުކުޅުގައި ޅިޔަ އަޅާލާށެވެ. ކުކުޅުގައި ލޮނުކޮޅު ލާށެވެ
ކުރިން ތައްޔާރުކުރި ތަބަކުގައި ކުކުޅު ބާއްވާށެވެ. ދެން ކުރިން ތައްޔާރުކުރި މިރުސްގަނޑު ވަރަށް ރަނގަޅަށް ކުކުޅުގައި ހާކާލާށެވެ. ޅިޔަތަކުގެ އެތެރެއަށް އަދި ކުކުޅުގެ އެތެރެއަށްވެސް ލޮނުމިރުސް އަޅާށެވެ. ދެން ކުކުޅު ފިހަން އަވަނަށްލާށެވެ. ފިހާނީ ކުކުޅުގެ ހަންގަނޑު މުރަނަވެ އެއަށް މުށިކުލަ އަރަން ދެނެވެ. ރަނގަޅަށް ރޯފިލަން ދެނެވެ.

