ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި އޯލް ސްޓާރޒްގެ މައްޗަށް ކުރިހޯދައި ޑީއާރުސީ ވިމެންސް މުބާރާތުގެ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ޑީއާރުސީ ވިމެންސް ކާމިޔާބުކުރީ 3 ސެޓު 2 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 27-25 އިން ގެންދިޔައީ ޑީއާރުސީ އިންނެވެ. ނަމަވެސް، ޖެހިގެން އައި ދެ ސެޓު 25-18 އަދި 25-14 އިން ނަގައި އޯލް ސްޓާރޒް އިން ލީޑު ނެގިއެވެ. ބޯ ވިއްސާރައާއި ހެދި މިއަދުގެ މެޗުގެ ވަކި ހިސާބަކުން ކުޅުން މެނދުކަޑާލަން ޖެހުނުއިރު މެޗުގެ ހަތަރު ވަނަ ސެޓުގައި އޯލް ސްޓާރޒްގެ ކުޅުން ވަރަށް ބޮޑަށް ދަށްވެގެން ދިޔަތަން ފެނިގެންދިޔައެވެ. އޯލް ސްޓާރޒް އިން 2-1 ސެޓުގެ ލީޑެއްގައި އޮއްވައި ޑީއާރުސީ ވިމެންސް ވަނީ ހަތަރު ވަނަ ސެޓު 25-07 އިން ނަގައި އަދި ފަހު ސެޓު 15-13 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗުގެ ވެސް ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ޑީއާރުސީގެ ޖާޒީ ނަންބަރު 17 އާމިނަތު ޝަދާ އެވެ.

މި މޮޅާއެކު ޑީއާރުސީ ވިމެންސް އަށް ވަނީ ތިން މެޗުން 7 ޕޮއިންޓު ލިބިފައެވެ. މިއާއެކު އެ ޓީމަށް ވަނީ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ޔަގީންވެފައެވެ. އެ ޓީމަށް މުބާތާރުގެ ލީގު ބުރުގައި ކުރިއަށް ދެން އޮތީ ކުއީން ބީސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޑީއާރުސީގެ މެނޭޖަރު ބުނީ މުބާރާތުގެ މިހާ ހިސާބަށް ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެންނަމުން ދަނީ ތަފާތު ހިތްވަރެއް ކަމަށާއި މުބާރާތުގައި ޓީމުން ދައްކަމުންދާ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ޓީމުން މި ފެންވަރުގެ ނަތީޖާތައް ދެއްކުމުގެ ފަހަތުގައި ވަނީ އެޓީމުގެ މެއިން ސްޕޮންސަރ ތިނަދޫ ސިޓީ އަލިކެފޭ ރެސްޓޯރެންޓުގެ ފަރާތުން ޓީމަށް ލިބެމުން އަންނަ އެއްބާރުލުން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ. މެނޭޖަރު އިތުރަށް ބުނީ އަލިކެފޭގެ އެހީތެރިކަމާއި، އެންމެންގެ މަސަތްކަތުން ޓީމު އޮތީ މުބާރާތަށް ވަރަށް ބޮޑަށް ތައްޔާރުވެފައި ކަމަށާއި ކުޅުންތެރިން މި ފެންވަރުގައި ކުޅޭނަމަ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ތިނަދޫ ޕޮލިހާއި ޝޫޓިންގް ސްޓާރ ވާދަކުރާއިރު ދެވަނަ މެޗުގައި ސޭމް ސޭމް ނުކުންނާނީ ޑީއާރުސީ މެންސްއާ ދެކޮޅަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

