ކޮލަމްބިއާގެ މެޑެލިންގައި ހުންނަ ދެ ބުރީގެ ބްރިކް އިމާރާތެއްގެ ތެރޭގައި އެތައް މިލިއަން މަދިރިއެއް އުފެދޭ ލެބްތަކުގައި ސައިންސްވެރިން ގިނަ އިރު ތަކެއް ވަންދެން މަސައްކަތް ކުރެ އެވެ. ލާވާއިން ފެށިގެން ބޮޑެެތި މަދިރިއަށް ބަދަލުވަންދެން ތަނުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފަހައްޓައި، ކާނާގެ ގޮތުގައި ހަކުރު އަދި ލޭ ބޯންދީ އެމަދިރިތައް ބަލަހައްޓައެވެ. ދެން އެމަދިރިތައް ދޫކޮށްލަނީ ކޮލަމްބިއާގެ އާބާދީ އަށް ނުރައްކަލެއް ކަމުގައިވާ ޑެންގީ އާއި އެހެނިހެން ވައިރަސްތައް ފަތުރާ މަދިރިތަކުގެ ތެރެއަށެވެ. މި ދޫކުރެވޭ މަދިރީގެ ސަބަބުން އާބާދީގެ އެތައް މިލިއަން ބައެއްގެ ފުރާނަ ސަލާމަތްކޮށްދެއެވެ.

ކޮލަމްބިއާގެ މެޑެލިންގައި ހުންނަ މަދިރި އުފައްދާ ފެކްޓްރީ
މި ފެކްޓްރީގައި އުފައްދަމުން އަންނަ މަދިރިއަކީ ވޮލްބާކިއާ ނަމަކަށް ކިޔާ ބެކްޓީރިއާ އެއް އުފުލާ މަދިރިއެކެވެ. އޭގެ ސަބަބުން ޑެންގީ އާއި ޒިކާ، ޗިކުންގުންޔާ އަދި ޔެލޯ ފީވާ ފަދަ އެހެނިހެން ވައިރަސްތައް އިންސާނުންނަށް ފެތުރުން ކޮންޓްރޯލް ކޮށްދެއެވެ. އާދައިގެ ބަލި ފަތުރާ މަދިރިތަކުގެ ތެރެއަށް ދޫކޮށްލުމުން ބެކްޓީރިއާ އެކުލެވިގެންވާ މި މަދިރީގެ ބައިގަނޑު އިތުރުވެ ވައިރަސް ފެތުރުން މަދުވެ، އެތައް މިލިއަން ބަޔަކު ބަލިތަކުން ސަލާމަތްކޮށްދެ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ކުރި ދިރާސާއަކުން މި ހައިރާންކުރުވަނިވި ވޮލްބާކިއާ މަދިރިތަކުގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ މިންވަރު އެނގިގެން ދިޔައެވެ.
އިންޑޮނޭޝިއާގެ ޔޮގްޔާކާޓާގައި ކުރިއަށް ގެންދިޔަ ޓްރަޔަލްއިން އެނގިގެންދިޔަ ގޮތުގައި ވޮލްބާކިއާ މަދިރީގެ ސަބަބުން އެ ސިޓީގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު 77 ޕަސެންޓް އަދި ޑެންގީ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު 86 ޕަސެންޓް ދަށްވެފައިވެއެވެ. މެޑެލިންގެ އާ ދިރާސާއަކުން ދައްކާ ގޮތުގައި 2015 ވަނަ އަހަރު ވޮލްބާކިއާ މަދިރި ދޫކުރަން ފެށި ފަހުން ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަނީ 89 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މި ނަތީޖާތަކަކީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުގެ ނުރައްކަލުން މުޅި ސިޓީތަކާއި ގައުމުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ހެއްކެކެވެ. އަދި މިއީ މި އާ ޓެކްނޮލޮޖީގެ ސަބަބުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކޮލަމްބިއާގެ މެޑެލިންގައި ހުންނަ މަދިރި އުފައްދާ ފެކްޓްރީ
ވޮލްބާކިއާ ގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ވޯލްޑް މޮސްކިޓޯ ޕްރޮގްރާމުން މިހާރު މި މަދިރި 11 ގައުމެއްގައި ދޫކުރަން ފަށާފައިވެއެވެ. އެއީ ބްރެޒިލް، ކޮލަމްބިއާ، މެކްސިކޯ، އިންޑޮނޭޝިއާ، ސްރީލަންކާ، ވިއެޓްނާމް، އޮސްޓްރޭލިއާ، ފިޖީ، ކިރިބާޓީ، ނިއު ކެލެޑޯނިއާ އަދި ވާނުއާޓޫ އެވެ. އަދި ވޮލްބާކިއާ މަދިރިތަކުން ފާހަގަކޮށްލެވޭ ކަމަކީ ބަލިތަކުން ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ މިންވަރަށް މަދިރި ދޫކޮށްލުމަކީ އޭގެ ޒާތުގައި ދެމެހެއްޓެނިވި ހައްލެކެވެ. މީގެ ސަބަބުން އާއިލާތަކަށް ލޯބިވާ މީހުން ގެއްލުމުގެ ހިތާމައިން ސަލާމަތްވެ، މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ބަލިތަކުން ރައްކާތެރިވެ، ފަރުވާ ދިނުމަށް މުޖުތަމައުތަކަށް އެތައް ޚަރަދެއް ސަލާމަތްވެ، ސިއްހީ ގޮތުން އިސްކަންދޭން ޖެހޭ އެހެނިހެން ކަންކަމަށް ބޭނުންވާ ފައިސާ ރައްކާކުރެވިގެން ދާނެއެވެ.

ކޮލަމްބިއާގެ މެޑެލިންގައި ހުންނަ މަދިރި އުފައްދާ ފެކްޓްރީ
ބިލް ގޭޓްސް އަކީ ޓެކްނޮލޮޖީގެ އެހީގައި ވޮލްބާކިއާ މަދިރި ފަދަ ޖެނެޓިކަލީ އިންޖިނިއަޑް މަދިރި ބޭނުންކޮށްގެން މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށް މަސައްކަތްކުރާ ފަރާތެކެވެ. ބިލް ގޭޓްސް އާއި އޭނާގެ އަންހެނުން މެލިންޑާ ފްރެންޗް ގޭޓްސް ހިންގާ ދުނިޔޭގެ ސިއްހަތަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޖަމިއްޔާ އެއް ކަމުގައިވާ ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުގެ އަމާޒަކީ މި ބަލިތައް ފެތުރުމުގެ ސަބަބު ކަމުގައިވާ މަދިރީގެ އެހީގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ. އެގޮތުން ވޯލްޑް މޮސްކިޓޯ ޕްރޮގްރާމާއި ގުޅިގެން، މި ޖަމިއްޔާއިން ދަނީ ޒަމާނުއްސުރެ ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެ އެވެ.
ވޯލްޑް މޮސްކިޓޯ ޕްރޮގްރާމްގެ އަމާޒަކީ ޑެންގީ، ޔެލޯ ފީވާ އަދި އެހެނިހެން ވައިރަހަށް މަގުފަހިވާ ޓްރޮޕިކަލް މަދިރިއެއް ކަމަށްވާ އޭޑީސް އެޖިޕްޓީ މަދިރީގެ މެދުގައި ވޮލްބާކިއާ ފެތުރުމެވެ. މެލޭރިއާ ފެތުރެނީ އެނޯފިލިސް މަދިރިން އުފުލާ ޕެރަސައިޓެއްގެ ޒަރިއްޔާއިންނެވެ. ނަމަވެސް މިއީ ވޮލްބާކިއާ ގެ މަސައްކަތުގެ ފޯކަސްއެއް ނޫނެވެ.

މޫސުމަށް އަންނަ ބަދަލުތަކާއެކު ވޯލްޑް މޮސްކިޓޯ ޕްރޮގްރާމްގެ މަސައްކަތްތަކަށް ވަނީ އިތުރަށް ބޭނުން ޖެހިފަ އެވެ. ދުނިޔޭގެ ފިނިހޫނުމިން އިތުރުވަމުންދާއިރު، އޭޑީސް އެޖިޕްޓީ މަދިރި އިތުރު ސަރަޙައްދުތަކުން ފެނި، މި ބަލިތައް ފެތުރޭ މިންވަރު އިތުރުވަމުން ދެއެވެ. އެންމެ ބޮޑު ނުރައްކަލެއް އޮތީ ކޮންމެ އަހަރަކު ވެސް 400 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، 20،000 މީހުން މަރުވާ ޑެންގީ ހުމުގެ ސަބަބުންނެވެ.
ގިނަ ބައެއްގެ ފުރާނަ ސަލާމަތްކުރާ މި މަދިރީގެ ޑިމާންޑް ބޮޑުވަމުންދިޔަވަރަކަށް، ވޯލްޑް މޮސްކިޓޯ ޕްރޮގްރާމުން އެތައް ސަތޭކަ މިލިއަން ވޮލްބާކިއާ މަދިރި އިތުރަށް އުފައްދަން ޖެހެއެވެ. އެގޮތުން ދުނިޔޭގައި މިހާރު ހުރި މަދިރި އާލާވާ އެންމެ ބޮޑު ފެސިލިޓީ ކަމަށްވާ މެޑެލިންގައި ހުންނަ ފެކްޓްރީގައި، ހަފުތާއަކު 30 މިލިއަނަށްވުރެ ގިނަ މަދިރި އުފެދެއެވެ. ދުނިޔޭގެ މަދިރި ޕްރޮގްރާމްގެ އެހެން ސައިޓްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވޮލްބާކިއާ މަދިރި އުފައްދަމުން އަންނަ އިރު، އެންމެ ބޮޑު ފެސިލިޓީ ހުރީ ކޮލަމްބިއާގައެވެ.
މިހާތަނަށް މަދިރި މަރާ ބޭހާއި، ދުންދަނޑި އަދި ޓްރެޕް ބޭނުންކޮށްގެން މަދިރި މަރާލުމަށް ނުވަތަ ނައްތާލުމަށް މަސައްކަތްކޮށްފައިވާއިރު މިލިއަނުން މަދިރި އުފެއްދުމަކީ ވެސް މަދިރި ނައްތާލުންހާ އުނދަގޫ ކަމެކެވެ. މަދިރިއަށް ކާންދީ، އެ ބަހައްޓަން ޖެހެނީ، މަދިރި އާލާވާން އެކަށީގެންވާ ހާލަތްތަކުގައެވެ. މެޑެލިންގައި ހުންނަ މި ފެކްޓްރީން މަސައްކަތް ކުރަމުން އަންނަނީ ވޮލްބާކިއާ މަދިރި ގިނަ އަދަދަކަށް އުފައްދައި ވެއްޓަށް ދޫކޮށްލެވޭ ގޮތަށެވެ.
މި ފެކްޓްރީގައި ބޮޑެތިވާ މަދިރިތައް އެ ސިޓީގައި އުޅޭ އެތައް ހާސް ބަޔެއްގެ ތެރެއަށް ދޫކޮށްލަ އެވެ. ވޯލްޑް މޮސްކިޓޯ ޓީމުން ވެސް ދަނީ ޑްރޯންތަކުން މި މަދިރިތައް ދޫކުރުމަށް އެކްސްޕެރިމެންޓް ކުރަމުންނެވެ. މި ދޫކުރާ ވޮލްބާކިއާ މަދިރި ވަގުތުން އެހެން މަދިރިތަކުގެ އާބާދީއާ ގުޅި ވައިރަސް ބްލޮކްކުރާ ޖަރަސީމު ފެތުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

ދުނިޔޭގެ މަދިރި ޕްރޮގްރާމް މިހާ ކާމިޔާބު ކަމާއެކު ކުރިޔަށް ދިޔުމަކީ އުފާވެރި ހަބަރެކެވެ. މީގެ އެތައް އަހަރެއް ކުރިން ބަލިތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައިވެރިއެއްގެ ގޮތުގައި މަދިރި ބޭނުންކުރުމުގެ ވިސްނުން ގިނަ ބަޔަކަށް މޮޔަކަމަކަށް ވިއެވެ. ނަމަވެސް މި އާ އީޖާދީ ވިސްނުމަށް އޮތް ތާއީދު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިގެންދެއެވެ.

