ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ މެންސްއާ ވާދަކޮށް މެޗު ކާމިޔާބުކޮށް، ސޭމް ސޭމުން ލީގުގެ އެންމެ ކުރިއަށް ޖެހިލައި ފައިނަލަށް ވާންކޮށްފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ޑީއާރުސީ މެންސްގެ މައްޗަށް ސޭމް ސޭމުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 27-25، 25-20 އަދި 25-18 އިންނެވެ. މި މެޗުގެ ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ސޭމް ސޭމްގެ ޖާޒީ ނަންބަރު 18 އަހުމަދު ބިލާލެވެ.

މިއަދުގެ މޮޅާއެކު ސޭމް ސޭމުން ވަނީ ތިން މެޗުން މުޅިއެކު 8 ޕޮއިންޓް ހޯދައިފައެވެ. ލީގުގެ އެންމެ ކުރިއަށް އެ ޓީމުން ޖެހިލާފައިވާއިރު ދެވަނައިގައި އޮތީ 7 ޕޮއިންޓާއެކު ތިނަދޫ ޕޮލިހެވެ.
މުބާރާތުގައި މިއަދުގެ ހަވީރު ކުޅޭނީ ފިރިހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ ޝޫޓިންގް ސްޓާރޒް އަދި ސްކޯޕިއަންސްއެވެ. އޭގެފަހުން މިރޭ ދެ މެޗެއް ކުޅޭއިރު އަންހެން ޑިވިޝަނުގެ މެޗުގައި ކުއީން ބީސް އިން ޑީއާރުސީ ވިމެންސްއާ ދެކޮޅަށް ނުކުންނައިރު ފިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ މެންސް ނުކުންނާނީ މޯލްޑިވްސް ސްޓާރާ ދެކޮޅަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

