މުޖުތަމައުގައި ސިހުރުހަދާ މީހުން ގިނަވެ އެވަބާ ވަނީ އާންމުވެފައި ކަމަށާއި، ސިހުރަކީ ބޮޑުވެގެންވާ ކުފުރުގެ އަމަލެއް ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ވަނީ ސިހުރުގެ ނުބައިކަމާއި އެކަމުގެ ސަބަބުން މީހުންނަށް ކުރިމަތިވާ ވޭންދެނެވި ކަންކަމަށް އަލިއަޅުވާލާފައެވެ. ސިހުރުގެ ސަބަބުން އާއިލާތައްރޫޅި ދަރިން ބިކަވެ ބޮޑެތި ބަލިތަކާއި ކުރިމަތިލާން ޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.
މި ސުންޕާ ޢަމަލުގެ ސަބަބުން، އެތައް ބައެއްގެ ހަޔާތް ބަރުބާދުވެގެން ގޮސްފައިވާ ކަމަށާއި، އެތައް ޒުވާނުންގެ ޙަޔާތް ވިއްސިވިހާލިވެގެން ގޮސްފައިވާ ކަމަށެވެ. ބަލިވެ، އެތައްބަޔަކު ދުނިޔެ ދޫކޮށްފައިވާ ކަމަށާއި، ޢަދާވާތްތެރިކަމާއި، ނަފުރަތު އުފެދި، މުޅި ޢުމުރަށް ވަކިވެ އެތައް އާއިލާއެއް ގޮސްފައިވާ ކަމަށެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަން ގެއްލި އެތައްބަޔަކު ދުނިޔޭއިން މޮޔަވެފައިވާ ކަމަށެވެ. މި ކަންކަން މި ހިނގަނީ، ބޮޑުފާފައެއް ކަމުގައިވާ ސިޙުރުގެ ސަބަބުން ކަމަށްވާއިރު މިއީ ދެދުނިޔޭގައި ވެސް އޭގެ އޭގެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން މި ނުރައްކާތެރި ވަބާއިން ސަލާމަތް ވުމަށް ސިހުރުވެރިންނާއި ދުރުވުމަށާއި ރައްކާތެރިވުމަށް ޙުތުބާގައިވަނީ ފާހަގަ ކޮށްފައެވެ. އަދި ބުނެފައިވަނީ ސިޙުރު އުނގެނުމަކީ، ކާފިރުވާނެ ޢަމަލެއްކަމަށާއި، އެހެންކަމުން މި ކުފުރުގެ ޢަމަލުކޮށްއުޅޭ މީހުން، ތައުބާވެ، މާތް ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށެވެ.
ސިޙުރަކީ ޙަޤީޤަތެއް ކަމަށާއި، އެކަންކުރާ މީހުންގެ ކުޅަދާނަކަމުން، މީސްތަކުންގެ ލޯމައްޗަށް އޮޅުވާލާ ކެހިވެރިކަން ދައްކާލާކަމަށެވެ. މީހުންގެ ހިތްތަކަށާއި، ހަށިގަނޑަށް އޭގެ އަސަރު ފޯރުވާ ކަމަށްވެސް ބުނެފައި ވެއެވެ. ސިހުރު ހެދުމައްޓަކާ މީހުންގެ އިސްތަށްޓާއި، ނިޔަފައްޗާއި، ފުނަލުގެ ދަތާއި، ފޭރާން ނުވަތަ ފައިވާން ފަދަ ތަކެތި ބޭނުން ކުރާތަން ފެންނަ ކަމަށެވެ.
” އާންމުކޮށް ސިހުރުގެ ސަބަބުން މީހުން މޮޔަކޮށްލާ ސިޙުރާއި، ބަލިކޮށްލާ ސިޙުރާއި، މަރާލާ ސިޙުރާއި، ދެމަފިރިން ރުޅިކުރުވައި އަދި ދުރުކުރުވާ ސިޙުރު ހިމެނޭ.” ޙުތުބާ
ސިޙުރަކީ ކާފިރުވާ ފަދަ ބޮޑުފާފައެއް ކަމަށާއި، އެއީ ދެދުނިޔޭގެ ގެއްލުމާއި ހަލާކަށް މަގުފަހިވާ ޢަމަލެއް ކަމަށްވެސް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.
ސިޙުރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކެއް އިސްލާމް ދީނުގައި އަންގަވާފައި ވެއެވެ. އެންމެ މުހިއްމު ކަމަކީ ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުން ކަމަށާއި، ދެވަނަ ކަމަކީ ޝައިޠާނާގެ ކިބައިން ރައްކާތެރިވުމަށް މާތް الله ގެ ޙަޟްރަތުގައި دُعَاء ދެންނެވުން ކަމަށެވެ.
މީގެ އިތުރުން ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ދުޢާތައް ކިޔެވުން ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އަދި ސިޙުރާއި، ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިވެގެންވާ ބަޔަކު ކަމުގައިތިބުމަށް މަސައްކަތް ކުރުމަށާއމާތް الله ގެ ޙަޟްރަތުން ވާގިއެދި އެކަލާނގެއަށް ދުޢާ ދަންނަވާ ޞާލިޙު އަޅުން ކަމުގައި ލެއްވުމަށް މަސައްކަތް ކުރުމަށް ވެސް ހުތުބާގައިވަނީ އެދިފައެެވެ.

