ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ޝޫޓިންގް ސްޓާރްއާ ކުޅެ ސްކޯޕިއަންސް އިން މެޗު ކާމިޔާބުކޮށްފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިއަދުގެ ހަވީރުގެ މެޗުން ސްކޯޕިއަންސް މޮޅުވީ 3 ސެޓު 1 ސެޓުންނެވެ. ސްކޯޕިއަންސް މެޗު ނެގީ ޝޫޓިންގް ސްޓާރް އިން ފުރަތަމަ ސެޓު 25-19 އިން ގެންގޮސްފައި ވަނިކޮށެވެ. ފަހު ތިން ސެޓު ސްކޯޕިއަންސް އިން ނެގީ 25-18، 25-13 އަދި 25-11 އިންނެވެ. މި މެޗުގެ ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ސްކޯޕިއަންސްގެ ޖާޒީ ނަންބަރު 5 މޫސާ މުފްލިހެވެ.

މި މޮޅާއެކު ސްކޯޕިއަންސަށް ވަނީ ހަތަރު މެޗުން 6 ޕޮއިންޓު ލިބިފައެވެ. އެ ޓީމު އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައެވެ. މިއަދު ހޯދި ތިން ޕޮއިންޓާއެކު އެ ޓީމަށް ފައިނަލަށް ދިއުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ހުޅުވިފައިވީ ނަމަވެސް އެއީ ހަނި ފުރުސަތެކެވެ. ލީގުގެ އެއްވަނައިގައި އޮތީ ހަތަރު މެޗުން ހޯދި 9 ޕޮއިންޓާއެކު ތިނަދޫ ޕޮލިހެވެ. ދެވަނައިގައި އޮތީ ތިން މެޗުން ހޯދި 7 ޕޮއިންޓާއެކު ސޭމް ސޭމް އެވެ. ތިންވަނައިގައި ތިން މެޗުން ހޯދި 7 ޕޮއިންޓާއެކު މޯލްޑިވްސް ސްޓާރ އޮތްއިރު ފުލުގައި އޮތް ޑީއާރުސީ މެންސް އަދި ޝޫޓިންގް ސްޓާރަށް އަދި ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.
މުބާރާތުގައި މިރޭ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ ކުޅޭ އަންހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީ ވިމެންސްއާ ކުއީން ބީސް ބައްދަލުކުރާއިރު ދެވަނަ މެޗުގައި މޯލްޑިވްސް ސްޓާރ ނުކުންނާނީ ޑީއާރުސީ މެންސްއާ ދެކޮޅަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

