ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިރޭ ކުޅުނު މެޗުން ބަލިވި ނަމަވެސް ޑީއާރުސީ ވިމެންސްއަށް މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ޖާގައެއް ކަށަވަރު ވެއްޖެ އެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުއީން ބީސްއާ ވާދަކޮށް ޑީއާރުސީ ވިމެންސް ބަލިވީ 3 ސެޓު 2 ސެޓުންނެވެ. މިރޭގެ މެޗުގެ ފުރަތަމަ ސެޓު 25-21 ކުއީން ބީސް އިން ގެންދިޔައިރު ދެވަނަ ސެޓު 25-20 އިން ގެންދިޔައީ ޑީއާރުސީއެވެ. ތިންވަނަ ސެޓު 25-21 އިން ޑީއާރުސީ ގެންދިޔައިރު ހަތަރު ވަނަ ސެޓު 25-17 ނަގައި މެޗު ފަސްވަނަ ސެޓާ ހިސާބަށް ކުއީން ބީސް އިން ގެންދިޔައެވެ. ކުއީން ބީސް އިން މެޗު ކާމިޔާބުކުރީ ފަސްވަނަ ސެޓު 15-11 އިން ނަގަައިގެންނެވެ. މި މެޗުގެ ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ކުއީން ބީސްގެ ޖާޒީ ނަންބަރު 7 މަޒީނާ އަހުމަދެވެ.

މެޗުން ބަލިވި ނަމަވެސް ޑީއާރުސީ ވިމެންސްއަށް ވަނީ ފައިނަލުގެ ޖާގައެއް ޔަގީންވެފައެވެ. ލީގު ބުރުގެ ހަތަރު މެޗު ވެސް ޑީއާރުސީން ކުޅެފައިވާއިރު އެ ޓީމަށް ވަނީ މުޅިއެކު 9 ޕޮއިންޓު ލިބިފައެވެ. އަންހެން ޑިވިޝަނުގެ ތާވަލަށް ބަލާއިރު ޑީއާރުސީގެ ފަހަތުން ދެވަނައިގައި އޮތީ ހަތަރު މެޗުން ހޯދި 7 ޕޮއިންޓާއެކު މިރޭގެ މެޗު ކާމިޔާބުކުރި ކުއީން ބީސް އެވެ. ތިންވަނައިގައި އޮތީ ދެ މެޗުން ހޯދި 3 ޕޮއިންޓާއެކު އޯލް ސްޓާރެވެ. ހަތަރު ވަނަައިގައި 2 ޕޮއިންޓާއެކު ފިޓް ފެމިނައިން އޮތްއިރު ފުލުގައި އޮތް އިންފިނިޓީ އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

