ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި މިރޭ ކުޅުނު މެޗުގައި ޑީއާރުސީ މެންސްގެ މައްޗަށް ކުރިހޯދައި މޯލްޑިވްސް ސްޓާރ އިން ލީގުގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ފިރިހެން ޑިވިޝަނުގެ މެޗުގައި ޑީއާރުސީގެ މައްޗަށް މޯލްޑިވްސް ސްޓާރުން ކުރިހޯދީ ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-09، 25-12 އަދި 25-17 އިންނެވެ. މެޗުގެ ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ މޯލްޑިވްސް ސްޓާރްގެ ޖާޒީ ނަންބަރު 17 އާދަމް ޝަރީފެވެ.

މި މޮޅާއެކު މޯލްޑިވްސް ސްޓާރަށް ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ލިބިފައެވެ. ލީގުގެ އެންމެ ކުރިއަށް އެ ޓީމުން ޖެހިލާފައިވާއިރު ދެވަނަ މަގާމުގައި އޮތީ ހަތަރު މެޗުން ހޯދި 09 ޕޮއިންޓާއެކު ތިނަދޫ ޕޮލިހެވެ. ތިންވަނައިގައި ތިން މެޗުން 8 ޕޮއިންޓް ހޯދާފައިވާ ސޭމް ސޭމް އޮތްއިރު ހަތަރުވަނައިގައި އޮތީ ހަތަރު މެޗުން ހޯދި 6 ޕޮއިންޓާއެކު ސްކޯޕިއަންސް އެވެ.
މުބާރާތުގައި މާދަމާ ހަވީރު ކުޅޭނީ އަންހެން ޑިވިޝަނުގެ މެޗެކެވެ. އެ މެޗުގައި ބައްދަލުކުރާނީ އިންފިނިޓީ އަދި ފިޓް ފެމިނައިނެވެ. މާދަމާ ރޭ ފިރިހެން ޑިވިޝަނުގެ ދެ މެޗެއް ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޝޫޓިންގް ސްޓާރޒް އަދި ޑީއާރުސީ މެންސް އެވެ. ދެވަނަ މެޗުގައި ސްކޯޕިއަންސް ނުކުންނާނީ ސޭމް ސޭމްއާ ދެކޮޅަށެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

