މި ދުވަސްވަރު މާލޭގައި ރަހީނު ކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، މީގެ އިތުރު މައްސަލައެއްގައި މާލޭއިން އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ކ. މާލެއަށް ނިސްބަތްވާ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. މި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ މައްޗަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ. މިގޮތުން، ދެ މީހުންގެ މައްޗަށް އެ ކޯޓުން ޖަހާފައި ވަނީ 15 ދުވަހެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައި ވާގޮތުން، ބަންދު ކުރި ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މީހަކު ކޮޓަރިއަކަށް ވައްދައި، އެމީހާއަށް ބިރު ދައްކައިގެން ފައިސާ ފޭރުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެއާއެކު، ދެ މީހުންގެ ބަންދާ މެދު ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކީގެ ގޮތުގައި، ސީސީޓީވީ ފުޓޭޖްގެ ސްނެޕްޝޮޓްތައް ލިބިފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ ދެމީހުން ބަންދުގައި ބަންދުގައި ބަހައްޓަން ޖެހެ ހާލަތްތަކުގެ ތެރޭގައި، ހައްޔަރު ކުރުމުގައި ރެކޯޑް ހިމެނުމާއި އަމަލީ ގޮތުން ކުށްކުރުމުގައި ބައިވެރިވުމާއި ޖަމާއަތް ހަދައިގެން ކުށްކުރުން ހިމެނޭތީ ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިފަހުން ވަނީ ރަހީނު ކުރުމުގެ މައްސަލަތައް މާލޭގައި ގިނަވެފައެވެ. އެގޮތުން ބިދޭސީން ރަހީނު ކުރުމާއި އޮޅުވާލައިގެން ދިވެހިން ރަހީނުކޮށް، ފޭރުން ފަދަ މައްސަލަތައް ހިމެނެއެވެ.

