މިސްކިތްތަކާއި، ވެށި ސާފުތާހިރުކޮށް ދެމެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިސްކިތްތަކާއި ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިސްކިތްތަކާއި ވެށީގެ ސާފުތާހިރުކަމާ ގުޅޭ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިސްކިތްތައް ވަރަށް ސާފްތާހިރުކޮށް ހުންނަތަން ދެކެން ބޭނުންވާ ކަމަށެވެ. ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ދިވެހިންނަކީ މިސްކިތްތަކަށް ވަރަށް ގަދަރު ކުރާ ވަރަށް ރަނގަޅަށް ބެލެހެއްޓި ބައެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކީރިތި ޤުރްއާނުންނާއި ރަސޫލާގެ ސުންނަތުން މިސާލު ނަންގަވާ، މިސްކިތްތަކުގެ މާތްކަމާއި މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗައް ދީނީ ނަޒަރަކުން، ވަޒީރު ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މިސްކިތުގެ ތެރެއަށް ވެއްޓިފައި އޮންނަ ކުނިކޮޅު ނަގާ ސާފު ކުރުމަކީ ވެސް ހެޔޮ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ސަވާބާއި ދަރުމަ ލިބޭކަމެއް ކަމަށް ވެސް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.
“އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވެގެން. އެހީތެރިވެގެން، އެއްބާރުލުން ވެސް ދީގެން. ތަފާތު ފިކުރުތައް އޮތްކަމުގައި ވިޔަސް މިކަންކަމަކީ އެންމެން އެކަމުގަ އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުންދީގެން ކުރަންޖެހޭނެ ކަންކަން. މިސްކިތްތައް ބެލެހެއްޓުމާއި އަޅުގަނޑުމެންގެ ގައުމުގެ ސާފުތާހިރުކަމާއި، މިހުރިހާކަމެއް މިއީ އަޅުގަނޑުމެން ގުޅިގެން ކުރަންޖެހޭ ކަންތައްތައް،” ވަޒީރު ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުންވަނީ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއް ފޮޅާ ސާފުކުރުމުގެ މަސައްކަތަށް ދިވެހިން އައްޔަނު ކޮށްފައެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިސްކިތްތައް ސާފުކުރުމަށް ދިވެހިންނާއި ހަވާލުކުރުމަކީ، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ އިރުޝާދާއެކު ކުރެއްވި މުހިންމު ކަމެއް ކަމަށެވެ. މޭޔަރު ވެސް ވަނީ މިމަސައްކަތުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އެއްބައިވަންތަކަމާއެކު މަަސައްކަތް ކުރުމަަށް އެދިވަޑައިގެންފައެވެ.
“މިއަދު އެބަ ޖެހޭ އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަައިގެން އެކަކު އަނެކަކު ދެކެ ލޯތްބާއި އޯގާތެރިކަން ނޫންކަމެއް މިގައުމުގައި ނޯންނާނެ ގޮތަށް އަޒުމް ކަނޑައަޅަން، ކާމިޔާބު ލިބޭނީ އެއިރުން،” މޭޔަރު އާޒިމް ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލޭގެ 10 މިސްކިތާއި މާލޭގެ 22 މިސްކިތް އަދި ވިލިމާލޭގެ ދެ މިސްކިތުގައި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާނީ މީގެ ފަހުން މުޅިން ވެސް ދިވެހިން ކަމަށެވެ.

