އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅުނު ބިދޭސީއެއްގެ ގައިމަތިން ދިޔަ ލޯންޗަކުން ޖެހި އޭނާ މަރުވެއްޖެ އެވެ.
ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު “މިހާރު” ނޫހާ ހަވާލާދީ ވިދާޅުވީ ފާނަ އަށް ގޮސް އުޅުނު ބަންގްލަދޭޝްގެ މީހަކު މޫދުގައި އޮއްވައި އެހެންދިޔަ ލޯންޗެއް އެ މީހާގެ ގައިމަތިން ދިއުމުން އެ މީހާ ސިއްހީ މަރުކަޒަށް ގެނައި ކަމަށެވެ.
“ގެނައި އިރު ވެސް އޮތީ މަރުވެފައި،” އޭނާ ވިދާޅުވި އެވެ.
އެ މީހާ ފާނަ ބާނަން ގޮސް އުޅުނީ ލޯންޗެއްގައި ދިވެއްސަކާއި އިތުރު ހަތަރު ބިދޭސީންނާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބައި އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވަނީ ހެނދުނު 7:55 ހާއިރު ކަމަށެވެ.
ލޯންޗުން ޖެހުނު މީހާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ލޯންޗު ދުއްވި މީހާގެ މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ. އެކަމަކު، ހާދިސާ ހިނގީ ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.

