މިދިޔަ ޑިސެމްބަރު މަހަށް ފަހު ފަސް ވަނަ ފަހަރަށް ހުޅަނގު ދެކުނު އައިސްލޭންޑްގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން ލާވާގެ ކޯރުތައް އުފެދި، މަޝްހޫރު ބްލޫ ލެގޫން ޖިއޯތަމަލް ސްޕާ ހުސްކުރަން ފަށައިފި އެވެ.
"އަލިފާން ފަރުބަދަ ގޮވާފައިވަނީ ގްރިންޑަވިކްގެ އުތުރުގައި އޮންނަ ސުންދުނުކްސްގިގަރ ކައިރީގައި" އައިސްލޭންޑްގެ މީޓިއޮރޮލޮޖިކަލް އޮފީސް (އައިއެމްއޯ) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވާގޮތުގައި މި ފަރުބަދަ ގޮވާފައިވަނީ މާރޗު މަހުގެ 16 ވަނަ ދުވަހުގެ އަލިފާން ފަރުބަދަ ގޮވިތާ ގާތްގަނޑަކަށް ތިން ހަފުތާ ފަހުން ކަމަށެވެ.
ފަރުބަަދަ ގޮވިއިރު ގާތްގަނޑަކަށް 3.5 ކިލޯމީޓަރު [2.2 މޭލު] އުސްމިނަށް އޭގެ އަސަރު ކޮށްފަައިވެއެވެ. އަދި އޭގެ ސަބަބުން 1 ކިލޯމީޓަރަށް (0.6 މޭލު) ބިންގަނޑު ކަނޑައިގެން ގޮސްފަައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ނޫކުލައިގެ އުޑުގައި ބޮޑު ދުންގަނޑެއް އުފެދިފައިވާތަން ފެނިފައިވެއެވެ. ވޮލްކެނޮލޮޖިސްޓް ބެނެޑިކްޓް އޮފިގްސަން އައިސްލޭންޑްގެ ޕަބްލިކް ބްރޯޑްކާސްޓަރު އާރުޔޫވީއަށް މައުލޫމާތު ދެމުން ބުނީ، އަލިފާން ރޯވިތާ ގަޑިއެއްހާއިރު ފަހުން ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދު 2.5 ކިލޯމީޓަރު (1.6 މޭލު) އަށް ވުރެ ބޮޑުވެފައިވާ ކަމަށެވެ.
އައިސްލޭންޑްގެ ބްލޫ ލެގޫން އަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެގޮތުން ބުދަ ދުވަހު އެ ސަރަހައްދު ވަނީ ހުސްކޮށްފަ އެވެ.
އެއާޕޯޓު އޮޕަރޭޓަރު އިސާވިއާ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ބައިނަލްއަގުވާމީ އެއާޕޯޓު ކެފްލަވިކްގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރާފައިވާ ކަމަށެވެ.
އައިއެމްއޯއިން ބުނެފައިވަނީ ބުދަ ދުވަހު ފަރުބަދަ ގޮވުމުގެ ކުރިން ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސުންދުނުކްސްގިގަރ ކްރެޓާ ރޯ ކައިރިއަށް ގާތްގަނޑަކަށް 400 ވަރަކަށް ބިންހެލުން އައިސްފައިވާ ކަމަށެވެ.
މީގެ އިތުރުން ސްވާޓްސެންގީގެ ތިރީގައި ވާ މެގްމާ ޗެމްބަރަށް ގާތްގަނޑަކަށް 20 މިލިއަން ކިއުބިކް މީޓަރު (26 މިލިއަން ކިއުބިކް ޔާޑު) މެގްމާ ޖަމާވެފައިވާ އިރު، މިއީ ޕެނިންސިއުލާގެ 30،000 މީހުންނަށް ކަރަންޓާއި ފެން ފޯރުކޮށްދޭ އިންޖީނުގެ ހުންނަ ސަރަހައްދު ކަމަށް އެ އިދާރާއިން ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ އަލިފާން ފަރުބަދަ ގޮވި ހާދިސާއަށްފަހު ސްވާޓްސެންގީ ޕްލާންޓް ވަނީ ހުސްކޮށް، ވަށައިގެން ބެރިއަރ ހަރުކޮށްފަ އެވެ.
ކައިރި އަވަށެއް ކަމަށްވާ ގްރިންދަވިކްގެ 4،000 މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ މިދިޔަ ނޮވެމްބަރު މަހު ސަރަހައްދު ދޫކޮށް ގޮސްފައެވެ. ޖެނުއަރީ މަހު ހިނގި އަލިފާނުގެ ހާދިސާގައި ލަވާ ގްރިންޑަވިކްގެ މަގުތަކަށް ވަދެ، ތިން ގެއެއް ވަށާލާފައެވެ.
2021 ވަނަ އަހަރުގެ މާޗް މަހާ ހަމައަށް ވެސް ރެކްޖަންސް ޕެނިންސިއުލާގައި އަލިފާން ފަރުބަދައެއް ގޮވާފައި ނުވާތާ އަށް ގަރުނު ވެއްޖެ އެވެ.
އަދި 2022 ވަނަ އަހަރުގެ އޮގަސްޓް މަހާއި މިދިޔަ އަހަރުގެ ޖުލައި އަދި ޑިސެމްބަރު މަހު އިތުރު ގޮވުންތަކެއް އުފެދުމުގެ ސަބަބުން އެ ސަރަހައްދުގައި ސިސްމިކް އެކްޓިވިޓީގެ އާ ޒަމާނެއް ފެށުނު ކަމަށް ވޮލްކަނޮލޮޖިސްޓުން ގަބޫލުކުރެ އެވެ.
ބުދަ ދުވަހު އަލިފާން ފަރުބަދަ ގޮވި ހާދިސާ ހިނގި ސީދާ ތަނާއި ބާރުމިން ދެނެގަތުމަށް ކޯސްޓްގާޑުގެ ހެލިކޮޕްޓަރުތައް ދަނީ ހަރަކާތްތެރިވަމުންނެވެ.
އައިސްލޭންޑަކީ 33 އެކްޓިވް އަލިފާން ފަރުބަދައާއެކު، ޔޫރަޕްގަައި އެންމެ ގިނަ އަލިފާން ފަރުބަދަ ހުންނަ ގައުމެވެ.
އެއީ މިޑް އެޓްލާންޓިކް ރިޖްގައި، ޔޫރޭޝިއާ އާއި އުތުރު އެމެރިކާގެ ޓެކްޓޯނިކް ޕްލޭޓްތައް ވަކިކުރާ ކަނޑުގެ ދެބައި ވަކިވާ ހިސާބެވެ.

