މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެކުންފުނިން ބުނީ މިއީ އެ ކުންފުނީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ތައްޔާރީ ހާލަތެއްގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތްތަކަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ކަމަށެވެ.
މި އެކްސަސައިޒު ކުރިޔަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު ކ. ތިލަފުށީގައެވެ.
އެކްސަސައިޒް ކުރިއަށް ދާނީ 13:00 އިން ހަވީރު 18:00 އަށެވެ.
“މި އެކްސަސައިިޒްގައި އެވަގުތު ބޯޓު ޔާޑުގައި ތިބި ހުރިހާ މުވައްޒަފުން އެތަނުން ނެރެ ރައްކާތެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓު ޔާޑު ހުސްކުރެވޭނެ ” އެމްޓީސީސީ
އެމްޓީސީސީ ބޯޓްޔާޑާއި ތިލަފުށި އިންޑަސްޓްރިއަލް އޭރިއާ ސަރަހައްދުގައި އެކި ބޭނުންތަކުގައި ޒިޔާރާތް ކުރާ އެންމެހާ ފަރާތަކުން މި ޑްރިލްގެ ސަބަބުން ކޮށްފާނެ ދުމުގެ އަސަރަށް ސަމާލުވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.
އިމަޖެންސީ ޑްރިން ހިނގަމުންދާ ގަޑީގައި ދުމުގެ އަސަރު ގަދައަށް ކުރާނަމަ ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާ ބަންދުކުރުމަށް އެމްޓީސީސީން ބުނެއެވެ. އަދި ލޮލާއި ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމަށްވެސް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނިން ރާވައިގެން ކުރިއަށް ގެންދާ ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒްގެ ސަބަބުން އާންމުންނަށް ދިމާވެދާނެ އެންމެހާ ދަތިތަކަށް މައާފަށްވެސް އެދޭ ކަމަށެވެ.

