ޗައިނާގެ ސައިންސްވެރިންނާއި ކްލިނިޝަނުންގެ ޓީމަކުން ފުރަތަމަ ފަހަރަށް ސެލް ތެރަޕީ ބޭނުންކޮށްގެން ޓައިޕް 2 ހަކުރު ބަލި ޖެހިފައިވާ މީހަކު ރަނގަޅުކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
އުމުރުން 59 އަހަރުގެ މި ބަލި މީހާއަކީ 25 އަހަރު ވަންދެން ޓައިޕް 2 ހަކުރު ބަލީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. 2017 ވަނަ އަހަރު ކިޑްނީ ޓްރާންސްޕްލާންޓް ކުރި ނަމަވެސް، ލޭގެ ގުލްކޯޒް ލެވެލް ރެގިއުލޭޓް ކުރުމަށް ވަރަށް މުހިންމު ޕެންކްރިއޭޓިކް އައިލެޓް ފަންކްޝަންގެ ބޮޑު ބައެކަށް ގެއްލުން ލިބިފައިވެއެވެ. މީގެ ސަބަބުން ގްލުކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް ދުވާލެއްގެ މައްޗަށް ގިނަ އިންސިއުލިން އިންޖެކްޝަންތަކަށް ބަރޯސާވާން ޖެހެ އެވެ.
ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގެ ޑިޕާޓްމަންޓް އޮފް ސެލިއުލާ އެންޑް ފިޒިއޮލޮޖިކަލް ސައިންސަސްގެ ޕްރޮފެސަރެއް ކަމަށްވާ ޓިމޮތީ ކިފަރ ހޯމަ ދުވަހު ސައުތު ޗައިނާ މޯނިން ޕޯސްޓް (އެސްސީއެމްޕީ) އަށް ބުނެފައިވާ ގޮތުގައި މި ދިރާސާއަކީ ހަކުރު ބަލީގެ ސެލް ތެރަޕީގެ ދާއިރާއަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.
ދުނިޔޭގެ ސައިންސްވެރިން އަންނަނީ އައިލެޓް ޓްރާންސްޕްލާންޓްއަކީ ހަކުރު ބައްޔަށް އުއްމީދީ ފަރުވާ އެއްގެ ގޮތުގައި ބަލަމުންނެވެ. މީގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ އިންސާނުންގެ ސްޓެމް ސެލް އިން އައިލެޓް ފަދަ ސެލްތައް އުފެއްދުމަށެވެ. ދިހަ ވަރަކަށް އަހަރު ވަންދެން ކުރި މި މަސައްކަތަށް ފަހު ޗައިނާގެ ޓީމުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ.
އަދި 2021 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި ބަލިމީހާއަށް ވަނީ ސެލް ޓްރާންސްޕްލާންޓް ކޮށްފައެވެ. އޭގެ އެންމެ 11 ހަފުތާ ފަހުން އޭނާއަށް އިންސިއުލިން އިންޖެކްޝަން ބޭނުން ކުރާކަށް ނުޖެހެއެވެ. އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރުމަށް ބޭސް ބޭނުން ކުރާކަށްވެސް ނުޖެހޭނެއެވެ.
ޝަންހާއީ ޗަންގްޒެންގް ހޮސްޕިޓަލްގެ ލީޑިން ރިސާޗަރެއް ކަމަށްވާ ޔިން ހާއޯ އިސްކޮށް ހުރެ އެކުލަވާލި މި ޓީމުން ބޭނުންކޮށްފައިވަނީ ބަލިމީހާގެ އަމިއްލަ ޕެރިފެރަލް ބްލަޑް މޮނޯނިއުކްލިއާ ސެލްތަކެވެ. މި ސެލްތައް ބޭނުންކޮށްގެން އާޓިފިޝަލް މާހައުލެއްގައި ޕެންކްރިއެޓިކް އައިލެޓް ޓިޝޫ އަލުން އެކުލަވައިލި އެވެ.
ޔިން ބުނީ މި ކާމިޔާބީއަކީ ރިޖެނެރޭޓިވް މެޑިސިން ނުވަތަ ދިރޭ ސެލްތަކުން ޓިޝޫތައް އެކުލަވާލުމުގެ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށާއި، އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް ހަށިގަނޑުގެ އަމިއްލަ ރިޖެނެރޭޓިވް ކެޕޭސިޓީގެ ބޭނުން ހިފޭނެ ކަމެއް ކަމަށެވެ.
މިފަދަ ރިސާޗްތަކުގައި އާންމުކޮށް ދިމާވާ ގޮންޖެހުމަކީ ސްޓެމް ސެލްތަކުން ގިނަ އަދަދެއްގެ އިންސިއުލިން އުފައްދާ ސެލްތަކަށް އުފެއްދުމެވެ. ސްޓެމް ސެލް ރިސާޗް އެންޑް ތެރަޕީގައި މި އަހަރުގެ ކުރީކޮޅު ޝާއިއުކުރި ދިރާސާއެއްގައި ކިފަރ އިސްވެ ހުރެ ހަކުރު ބަލި ދިރަސާކުރާ ސައިންސްވެރިންގެ ޓީމަކުން ވަނީ ފަސޭހައިން ގިނަ އަދަދަކަށް މި ސެލްތައް އުފެއްދޭނެ ގޮތްތައް ހޯދާފައެވެ.
ސެލް ތެރަޕީ ކޮލިޓީ މޮނިޓާ ކުރާނެ މައިގަނޑު މިންގަނޑުތައް ވެސް މި ދިރާސާގައި ވަނީ ހޯދާފައެވެ. މި ދިރާސާގެ ހޯދުންތަކުން ހިއުމަން ޕްލޫރިޕޮޓެންޓް ސްޓެމް ސެލް (އެޗްޕީއެސްސީ) އިން އުފެދިފައިވާ ޕެންކްރިއޭޓިކް ސެލްތައް ފުޅާ ދާއިރާއެއްގައި އުފައްދައި، އުފެއްދުމުގެ މަރުހަލާ ސްޓޭންޑަރައިޒް ކުރެވޭނެ ގޮތްތައް ދެނެގަނެފައި ވެއެވެ.
ޓައިޕް 2 ހަކުރު ބަލީގެ ފަރުވާއަށް ސްޓެމް ސެލް އިން އުފެދިފައިވާ އައިލެޓްތައް ބޭނުންކުރުމަށް ކިފަރގެ ޓީމުގެ ޕްރީކްލިނިކަލް ޑޭޓާއިން ތާއީދުކުރާއިރު، ޔިންގެ ރިޕޯޓަކީ އިންސާނެއްގެ ކިބައިން ފެނުނު ފުރަތަމަ ހެކި ކަމަށް ކިފަރ ބުނެފައިވެއެވެ.
ޗައިނާގެ އާބާދީގައި ހަކުރު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުން އާދަޔާ ހިލާފަށް ގިނަ ކަމަށް ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ ގްލޯބަލް ހެލްތުގެ ސީނިއާ ފެލޯ ހުއާންގް ޔަންޖޮންގް ފާހަގަކުރެއެވެ. އަދި ޗައިނާއަކީ ދުނިޔޭގެ އާބާދީގެ 17.7 އިންސައްތަ ކަމުގައިވީ ނަމަވެސް، އެޤައުމުގެ ހަކުރުބަލީގެ އާބާދީއަކީ ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ކަމަށާއި، އެކަމުގެ ސަބަބުން ޞިއްޙީ ގޮތުން ސަރުކާރަށް ވަރަށް ބޮޑު ބުރައެއް ކުރިމަތިވަމުންދާކަން އޭނާ ބުނެފައިވެއެވެ.
މުޅި ދުނިޔޭގައި ވެސް ހަކުރު ބަލީގެ މީހުން އެންމެ ގިނައީ ޗައިނާގަ އެވެ. އިންޓަނޭޝަނަލް ޑައިބެޓީސް ފެޑެރޭޝަނުން ބުނާ ގޮތުގައި އެ ގައުމުގައި ހަކުރު ބަލީގެ 140 މިލިއަން މީހުން އުޅޭއިރު އޭގެ ތެރެއިން ގާތްގަނޑަކަށް 40 މިލިއަން މީހުން ލޭގެ ގްލުކޯޒް ލެވެލް ކޮންޓްރޯލް ކުރުމަށް އުމުރު ދުވަހު އިންސިއުލިން އިންޖެކްޝަނަށް ބަރޯސާވަން ޖެހިފައިވެއެވެ.

