މިދިޔަ މަހުގެ ފަހުކޮޅާއި މި މަސް ފެށުމާއެކުގައި، ވިއްސާރަ މޫސުމަކަށް ވުމާއެކުވެސް މެއި މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާއިރު އަނެއްބައި ފަރާތްތަކުން ދަނީ ހޫނު މޫސުމުގެ އެހެން މަސްމަހާ ހިލާފަށް ތަފާތުކަން ބޮޑު ގޮތަކަށް މެއި މަހުގެ ބިލު ބޮޑުވި ކަމުގެ ޝަކުވާ ކުރަމުންނެވެ.
ކަރަންޓު ބިލު ބޮޑުވި ވާހަކަ މުޅި ސޯޝަލް މީޑިއާގައި ހޫނުކޮށް ދެކެވެމުންދާއިރު މާރިޗް މަހާއި އޭޕްރީލް މަހުގެ ކަރަންޓު ބިލް ބޮޑުވީ ހޫނު ގަދަވެގެން ކަމަށް ސްޓެލްކޯއިން ފާހަގަކުރެއެވެ. އަދި މެއި މަހުގެ ކަރަންޓު ބިލު ބޮޑު ކަމަށް ބުނެ ސްޓެލްކޯ އަށް ވަގަށް ގޮވާއިރު ބޮޑުވެފައިވާ ބިލުގައި އޮތީ ކޮން ދުވަހަކުން ކޮން ދުވަހަކަށް ނަގާފައިވާ ރީޑިންގ އެއްތޯ ބަލާލުން ރަނގަޅުކަމަށް އިޝާރާތް ކުރައްވަމުން ސްޓެލްކޯގެ އޮފިޝަލަކު ސުވާލު ކުރެއްވީ މިމަހުގައި ބޮޑުވެގެން އުޅޭ ކަރަންޓު ބިލުލިބުނީ ކޮން ދުވަސްވަރެއްގައިތޯ އެވެ. ހޫނު މޫސުމުގެ ތެރޭގައި އެވްރެޖްކޮށް 110މ.ވ. އާއި 113މ.ވ. އާދޭތެރޭގެ ޑިމާންޑެއް މާލެ ސަރަހައްދުގައި އޮތް ކަމަށާއި، ޖަނެރޭޝަން ކެޕޭސިޓީ އިތުރުކޮށް، އިތުރު އިންޖީނުތަށް ހިންގި ކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
" ނިމިދިޔަ ބިލިންގ ސައިކަލްގައި ހޫނުމިން 44 ޑިގްރީ ސެލްސިއަސް އަށްވެސް އެރި. އެކަމު ގޭތެރެ ހުރީ ހަމަ ޗިލް ކޮށް 25 ޑިގްރީގައި؟ އޭސީ ނުޖައްސާއިރު ގޭތެރެ 30 އާއި 35 ޑިގްރީ ސެލްސިއަސްއާއި ދެމެދު ހުރިނަމަ ވެސް 25 ޑިގްރީ ސެލްސިއަސް އަށްވުރެ ދަށް ކޮށް އެވަރުގައި ހިފަހައްޓަން އޭސީ އިން ކުރަންޖެހޭ މަސައްކަތް ހިތަށް އަރުވާލިޔަސް ރޮވޭ. ހާދަ އެނާޖީއެކޭ. ދެން ވިސްނާލާ 40 އާއި 45 ޑިގްރސެލްސިއަސް ގަ ހުރެފަ ތިރިއަށް އަންނަން އެ ފަކީރު ކުރާނެ މަސައްކަތް. މިއީ އަދި އޭސީ އެކަނި، ކޮބާ އަދި ފްރިޖު؟ އެ އަދި މާ ބޮޑަށް ޓެމްޕަރޭޗަރ ދަށް ކުރަންޖެހޭނެ ދޯ؟" ސްޓެލްކޯގެ އެ އޮފިޝަލު ހިއްސާކުރެއްވި ޕޯސްޓުގައި ބުނެފައިވެއެވެ.
ކަރަންޓް ބިލަށް އަސަރު ކުރަނީ ހަމައެކަނި އާ އެއްޗެހިތަކެއް ގެއަށް އިތުރު ކޮށްގެން ނޫންކަން ފާހަގަކުރައްވައި އޮފިޝަލު ވިދާޅުވީ ބޭނުން ކުރާ ސާމާނު ތަކަކީވެސް ހާލަތަށް ޔޫސޭޖް ޑިޕެންޑު ވާ އެއްޗެހި ކަމަށެވެ.
ސްޓެލްކޯ އޮފިޝަލު ފާހަގަކުރައްވާފައިވާ ކަންތައްތަކަށް ބަލާލާއިރު:
1. އޭސީ ސާވިސް ކޮށްލައި ގޭސް ލެވެލް ޗެކް ކޮށްލާ ގޭސް ލީކެއް އުޅޭނަމަ އެކަން ހައްލު ކޮށްލުން.
2. ފުލް ސާވިސް އެއްނުކުރި ނަމަ ވެސް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށް އައުޓް ޑޯ ޔުނިޓާއި އިންޑޯ ޔުނިޓުގެ ކޯ ކަނޑު ދޮވެލާ ފިލްޓަރުތައް ސާފު ކޮށްލުން. އައުޓު ޑޯ ޔުނިޓު އިނީ ވައި ދައުރުވާ ހޫނު ގަދަ ނޫން ތަނެއްގައިތޯ ޔަގީން ކޮށްލުން ވަރަށް މުހިންމު.
3. އޭސީ ކޮށްފަ ހުރި ތަންތަނުގެ ދޮރު ދަށުން ފިނި ވައި ލީކުވާގޮތަށް ހުރި ނަމަ އެތަނަށް ޕެކިނެއްލައި ބަންދު ކޮށްލުން.
4. ބަދިގޭގެ އުނދުނާއި ވީހާވެސް ދުރުގަ ރެފްރިޖްރޭޓަރު ބަހައްޓާލުން.
5. އޭސީ ކޮށްފަ ހުރި ތަންތަނުގެ ބިއްލޫރި ދޮރު ތަކުގައި ވީހާވެސް ބޯ ދޮރުފޮއްޗެއް ދަމާ ފޮރާލުން.
6. ކުރިން ބަޖެޓު ލޯކަމުން ހަރުކުރި ތަނާ އެކަށީގެން ވާ ވަރަށްވުރެ ކުޑަ އޭސީ ޔުނިޓް ތަނާ އެކަށީގެންވާ ވަރުގެ ބޮޑު އޭސީ އަކަށް ބަދަލު ކޮށްލުން.
7. ދާހިއްލިޔަސް ކައްކާއިރު ސިޓިންގ ރޫމު އޭސީ ނުޖެއްސުން. (ސިޓިންގ ރޫމާއި ބަދިގެ އެއްކޮށް ހުންނަ ނަމަ. އެހެންނޫނީ މައްސަލައެއް ނެތް)
8. ބޭރަށް ދަމުން ވީހާވެސް ގިނަ އެއްޗެހި އޮފްކޮށްލުން. (ހެނދުނު ބޭރަށް ދާ މީހާ ތި އަންނަނީ އިރު އޮއްސޭ ފަހުން. އަންނަ އިރު ކޮޓަރި އައިސް ކޮންޓޭނަރެއްހެން ނުހުއްޓަސް އޯކޭ ވާނެ. ގެއައް އައިއްސަ އޭސީ އޮން ކޮށްލާފަ ފެންވަރައިގެން ނުކުންނަ އިރަށް ހުންނާނީ ކޮޓަރި ފިނިކޮށް. އިޓްސް ލައިކް މެޖިކް ހަމަ)
9. ފަންކާވެސް ހަފްތާއަކު އެއް ފަހަރު ފޮހެލާ. ހިރަފުސް ހިފައިގެން ބަރުވީމަ ކިހާ ވޭނެއް އަޅާނެ އޭގަވެސް. ލުއި ކޮށްލަދީ. ތަފާތު ފެންނާނެ ހަމަ.
10. ދޭތެރެއަކުން ގޭގެ ކަރަންޓު މީޓަރު ބަލާލާ. މީޓަރު ހިނގާވަރާ، އަރާ އެއްޗެއް ބަލާލާ. ބިލަށް އަރާނެ ވަރު މޮބައިލް އެޕުގައި ޖަހާލައިގެން ބަލާލެވޭނެ. އިގްތިސާދު ކުރަން ކުރެވޭނެ ލައްކަ ކަންކަން ބޮލައްވަންނާނެ މި ގޮތަށް ބަލަމުންދާނަމަ.
މި ކަންކަން ކޮއްލަވާ. ނަތީޖާ ފެންނާނެ. ބިލު ކުރެވޭނީ ބޭނުން ކުރި އެއްޗަކަށް ހަމަ. ބޭނުން ކުރެވޭވަރު މެނޭޖް ކޮށް ކަރަންޓު އިޤްތިސާދުކޮށްފިނަމަ ބިލަށް އޭގެ އަސަރު ކުރާނެ.
ކަރަންޓު ބިލަކީ ކޮންޒިއުމް ކުރާ އަދަދަށް ހަދާ އެއްޗަކަށްވާއިރު، ކަރަންޓު މީޓަރެއް ހިނގަން ފަށާނީ އެ މީޓަރު ގުޅާލެވިފައިވާ ގެއަކުން ޚިދުމަތް ދޭ ފަރާތް ފޯރުކޮށްދޭ ވޯލްޓޭޖް ބޭނުން ކުރަން ފެށުމުންނެވެ.
އެއީ ހިދުމަތްދޭ ފަރާތަކަށް މިއިން އެއްވެސް ކަމަކަށް ބާރުފޯރުވައި، އެ މީޓަރުގެ ހިންގުން އަވަސްކޮށް، ހިންގުމުގެ މިން ލަސްކޮށް މިފަދަ އެއްވެސް ގޮތަކަށް އެއަށް ބާރުފޯރުވައި އެއާ ކުޅެވޭނެ ގޮތެއް ނޯންނައިރު، އަދި މީޓަރު އޭގެ ވާޖިބު އަދާކޮށްފައިވާ މިންވަރު، އޭގެ ތަފްސީލު ބިލުން ފެންނަން ހުންނާނެ އެވެ.

