ސްޓެލްކޯއިން ކަރަންޓު ދެމުންދާ ކަސްޓަމަރުންގެ ބިލްތައް ބޮޑުކޮށްފައިވަނީ ގަސްތުގައި ކަމަށާއި އެކަމާއި ދެކޮޅަށް ބަޔަކު އިންތިޒާމް ކުރި މުޒާހަރާ އަށް އެއްވެސް ތަރުހީބެއް ނުލިބި ޗޮކުން ހިނގައްޖެއެވެ.
ކަރަންޓު ބިލް ބޮޑުވެފައިވާ ކަމަށް ބުނެ މިއަދު ހަވީރު ސްޓެލްކޯ ކުރިމަތީގައި ކުރި މުޒާހަރާއަށް ތާއިދެއް ނުލިބުނުކަން މުޒާހަރާ ކަވަރު ކުރުމަށް ދިޔަ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.
މި މުޒާހަރާ އޮންނާނެކަން އިއުލާން ކުރުމާއި އެކު ފުލުހުން ބުނީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރިއަށް ގެންދާ ސުލްހަވެރި އެއްވުންތަކަށް ފުރުސަތު ދޭނެ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފް އަށް ތާއީދުކުރާ 15 ވަރަކަށް މީހުން ބައިވެރިވި މި އެއްވުމަށް ތަރުހީބެއް ނުލިބުނު އިރު ސްޓެލްކޯ އިން ވަނީ އެއްވެސް ކަރަންޓު ބިލެއްގެ މައްސަލަ އެއް އުޅޭނަމަ 24 ގަޑިއިރު މުއާމަލާތް ކުރެވޭނެ ނަންބަރެއް ހަމަޖައްސާފައެވެ.
ސްޓްލެކޯއިން މިއަދު ވިދާޅުވީ ކަރަންޓް ބިލްތަކާއި ގުޅިގެން ކަސްޓަމަރުން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ ސާވިސް އެންޑް ބިލިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި އީމެއިލް މެދުވެެރިކޮށް ނަމަ billing@stelco.com.mv އަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. އެކުންފުނިން ބުނާ ގޮތުގައި ކަސްޓަމަރުން ހުށަހަޅާ ޝަކުވާތައް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާނެއެވެ
މާލޭގެ ކަރަންޓް ބިލްތަކަށް އައި ބަދަލަކީ އެއީ ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވުމާއި ގުޅިގެން ބޮޑުވެފައިވާ ބޮޑުވުމެއްކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެެވެ.

