ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގައި ރޭ ފަސޭހަކަމާއެކު ސްކޯޕިއަންސް ބަލިކޮށް ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ސޭމް ސޭމުން ހޯދައިފިއެވެ.
އަންހެން ފިރިހެން ވަކިން ދެ ޑިވިޝަނަށް ބަހާލައިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ރޭ ސްކޯޕިއަންސްގެ މައްޗަށް ސޭމް ސޭމުން ކުރިހޯދީ އުނދަގުލެއް ނެތި ސީދާ 3 ސެޓުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-18، 25-19 އަދި 25-18 އިންނެވެ. ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ސޭމް ސޭމްގެ ޖާޒީ ނަންބަރު 11 އަހުމަދު ވިފާގު ހަސަން އެވެ.
މި ނަތީޖާއާއެކު ސޭމް ސޭމަށް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ވެފައެވެ. ރޭގެ މޮޅާއެކު ހަތަރު މެޗުން 11 ޕޮއިންޓު ހޯދައި ސޭމް ސޭމް ތާވަލުގެ އެންމެ ކުރިއަށް ޖެހިލާފައިވާއިރު އެ ޓީމުން ފައިނަލަށް ދަތުރު ކުރީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށް ފުރިހަމަ ރެކޯޑަކާއެކު އެވެ.
ފިރިހެން ބައިގެ ފައިނަލުގެ ދެވަނަ ޖާގަ އަށް ދެ ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. އެއީ މިވަގުތު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް މޯލްޑިވްސް ސްޓާރް އަދި ހަތަރު މެޗުން ހޯދި 9 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ތިނަދޫ ޕޮލިހެވެ. މި ދެޓީމަށްވެސް ލީގު ބުރުގައި ކުރިއަށް ބާކީ އޮތީ އެއް މެޗެވެ.
މުބާރާތުގައި ރޭ ދެން ކުޅުނު ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޝޫޓިންގް ސްޓާރް އަދި ޑީއާރުސީ މެންސް އެވެ. މި މެޗު 3 ސެޓުން ކާމިޔާބުކުރީ ޑީއާރުސީ އެވެ. ސެޓުތައް އެ ޓީމުން ގެންދިޔައީ 25-11، 25-23 އަދި 25-18 އިންނެވެ. ޕްލޭޔާ އޮފްދަ މެޗަކަށް ހޮވުނީ ޑީއާރުސީގެ ޖާޒީ ނަންބަރު 17 އިސްމާއިލް އަލީ ނަސީރު އެވެ. މިއީ މުބާރާތުގައި ޑީއާރުސީން ހޯދި ފުރަތަމަ މޮޅެވެ. ޑީއާރުސީ އަށް މާކުރިންވެސް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލިފައިވާއިރު 3 ޕޮއިންޓާއެކު އެޓީމު އޮތީ ތާވަލުގެ 5 ވަނައިގައެވެ. ތާވަލުގެ ފުލުގައި އޮތް ޝޫޓިންގް ސްޓާރަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރަކީ ތިނަދޫ ސިޓީ ސްޓޭޑިއަމެވެ. މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

