ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ ލީގު ބުުރުގެ މެޗުތައް ނިމެން ކައިރިވެފައިވާއިރު ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ޖާގަ ކަށަވަރުވެފައިވަނީ އަދި އެންމެ ޓީމަކަށެވެ. މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ފުރިހަމަ ރެކޯޑަކާއެކު ސޭމް ސޭމް ފައިނަލަށް ދަތުރުކޮށްފައިވާއިރު ފައިނަލުގެ ދެވަނަ ޖާގައިގެ ވާދަވެރިކަން ވަރަށް ބޮޑެވެ.
ފިރިހެން ބައިގެ ފައިނަލުގެ ދެވަނަ ޖާގަ އަށް ދެ ޓީމެއް ވާދަކުރެ އެވެ. އެއީ މިވަގުތު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތް މޯލްޑިވްސް ސްޓާރް އަދި ހަތަރު މެޗުން ހޯދި 9 ޕޮއިންޓާއެކު ތިންވަނައިގައި އޮތް ތިނަދޫ ޕޮލިހެވެ. ދެ ޓީމު ވެސް ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. މި ދެޓީމަށްވެސް ލީގު ބުރުގައި ކުރިއަށް ބާކީ އޮތީ އެއް މެޗެވެ. އެއީ މި ދެޓީމުގެ ގަދަ ހިފުމެވެ. މިރޭ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައި މި ދެޓީމުގެ ކުރިމަތިލުން އޮންނާނެ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއްް ކަށަވަރު ވެގެންދާނެ އެވެ. އެހެންކަމުން މިއީ، މިހާތަނަށް މި މުބާރާތުގައި ކުޅޭ އެންމެ ވާދަވެރި އަދި އެންމެ ފޯރިގަދަ އެއް މެޗަށް ވެގެންދާނެކަން ޔަގީނެވެ.

ފޯރިއާއެކު ކުރިއަށްދާ ތިނަދޫ ސިޓީ ޑަބްލިއުޑީސީ ވޮލީ މުބާރާތުގެ ލީގު ބުރުގެ މެޗުތައް މާދަމާ ރޭގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.
މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ. ފޮޓޯގްރަފީ ޕާޓްނަރަކީ ރާޅުއެވެ. ގްރެޕިކްސް ޕާޓްނަރަކީ ޗައްޕަލާ ސްޓޫޑިއޯއެވެ. ޖޫން މަހުގެ 5ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ ސްޓޭޑިއަމްގެ ވޮލީ ކޯޓުގައެވެ.

