އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި އާދަޔާ ޚިލާފަށް ފިނިހޫނުމިން އުފުލި 33 މީހުން މަރުވެއްޖެއެވެ. އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ ހޫނުގެ ތޫފާނުގައި 33 މީހުން މަރުވެފައި ވަނީ ބިހާރާއި، އުތާރް ޕްރަދޭޝް އަދި އޮޅިއްސާގައެވެ. މަރުވި މީހުންގެ ތެރޭގައި އިންޑިޔާގައި މިހާރު ކުރިއަށްދާ ޢާންމު އިންތިޚާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހުން ވެސް ހިމެނެއެވެ.
އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ފިނިހޫނުމިން އެންމެ މައްޗަށް އުފުލިފައިވާ ވެރިރަށް ނިއު ދިއްލީގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 52.9 ޑިގްރީ ސެލްސިއެސްގައި ކަމުގައެވެ. ހޫނުގެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ އެ ޤައުމުގެ އިރުމަތީގެ ސަރަޙައްދުތަކަށެވެ. އެ ޤައުމުގެ އިރުއުތުރާއި މެދުތެރޭގެ ހިސާބުތަކުގައި ފިނިހޫނުމިން ޢާންމު އެވަރެޖަށްވުރެ 4.5އާއި 6.4 ޑިގްރީ ސެލްސިއެސާ ދެމެދު މިންވަރަކަށް އުފުލިފައިވީ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަޙައްދުތަކުގެ ފިނިހޫނުމިން ދަށްވަމުންދާނެ ކަމުގައި މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.
ހޫނުގަދަވެ، ހީޓްސްޓްރޯކް ޖެހިގެން މަރުވި 33 މީހުންގެ ތެރެއިން 14 މީހަކު މަރުވެފައި ވަނީ ބިހާރް ސްޓޭޓުންނެވެ. އޭގެ ތެރޭގައި، އިންޑިޔާގެ ޢާންމު އިންތިޚާބުގެ ހަތްވަނަ މަރުޙަލާގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 10 މީހުން ހިމެނެއެވެ. އަދި، އިންޑިޔާގެ އެންމެ އާބާދީ ބޮޑު އުތާރް ޕްރަދޭޝުން ނުވަ މީހުން މަރުވިއެވެ. އޭގެ ތެރޭގައި އިންތިޚާބުގެ ކަންކަމުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ އޮފިސަރެއް ވެސް ހިމެނެއެވެ.
"އޭގެ ތެރެއިން ގިނަ މީހުން ވަނީ ހުން ގަދަވެފައި. އެއީ ހީޓްސްޓްރޯކްގެ ސަބަބުން ކަމަށް ބެލެވޭ. މި ވަގުތު ވެސް ހީޓްސްޓްރޯކާ ގުޅިގެން 23 މީހަކަށް މި ދަނީ ފަރުވާ ދެމުން،" ހޫނުގަދަވުމާ ގުޅިގެން އެޑްމިޓު ކޮށްފައިވާ ގިނަ ޢަދަދެއްގެ ބަޔަކަށް ފަރުވާ ދެމުންދާ މެޑިކަލް ކޮލެޖެއްގެ ޕްރިންސިޕަލް އާރްބީ ކަމާލް ވިދާޅުވިއެވެ.
އަދި، އޮޅިއްސާގެ ރޫރްކިލާއިން 10 މީހުން މަރުވި ކަމުގައި އެ ސްޓޭޓްގެ ސަރުކާރު ހަސްފަތާލުން ހާމަކުރިއެވެ. މި ކަމާ ގުޅިގެން، ސްޓޭޓްގެ ސަރުކާރުން ވަނީ އެންމެ އަވިގަދަ ވަގުތުތަކުގައި މަގުތަކަށް ނިކުމެ ނޫޅުމަށް ޢާންމުންނަށް އިރުޝާދު ދީފައެވެ. މީގެ އިތުރުން، ބިހާރާ އިންވެގެން އޮންނަ ޖާރްކަންދުން ވެސް ތިން މީހުން މަރުވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ބުންޏެވެ. ހޫނުގަދަވުމާ ގުޅިގެން، ނިއު ދެއްލީގެ ހައިވާނުބަގީޗާގައި ގެންގުޅޭ ޖަނަވާރުތަކުގެ ފުރާނައަށް ވެސް ވަނީ ނުރައްކާވެފައެވެ.

