ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ކުރާ ދަތުރުގެ އަގު، ބޮޑުވެގެން 50،000 އަށް ކުޑަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
ޝަކީލް މިހެން ވިދާޅުވީ މިއަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި މައްކާގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށް ރައްޔިތުންކުރާ ހޭދަ ކުޑަކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއްކަން ފާހަގަ ކުރައްވާ ޝަކީލް ވިދާޅުވީ ރައީސްގެ އެ އެދިވަޑައިގަތުން ހާސިލްކުރުމަށްޓަކައި މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ޙައްޖު ދަތުރުތަކުގެ އަގު ކުޑަކުރުމަށް ކަމަށް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ މިހާރު 69,965 ރުފިޔާއަށް ޙައްޖު ދަތުރުކޮށްދިންނަމަވެސް ކުރިއަށް އޮތް ތަނުގައި ބޮޑުވެގެން 50،000 ރުފިޔާއަށް ދަތުރުގެ އަގު ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
"ލަސްތަކެއް ނުވެ ޙައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ. އެއާއެކު ރައީސްގެ ތަޞައްވުރާ އެއްގޮތަށް ޙައްޖަށް މީހުން ގެންދާ އަގު ކުޑަކުރެވިގެންދާނެ." ޕީއެސްއެމާ ހަވާލާދީ ޝަކީލް ވިދާޅުވިއެވެ.
ޙައްޖު ކޯޕަރޭޝަން މިވަގުތު ހިންގަމުން ދަނީ ގެއްލުމެއްގައިކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ އެ ކުންފުންޏަކީ ފައިދާ ހޯދާ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ކުންފުންޏަކަށް ހެދުމަށްވެސް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. އެގޮތުން ރިއަލް އެސްޓެޓް ވިޔަފާރީގެ ދާއިރާއަށް ވަނުމުގެ މަސަައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން ބިމެއް ގަނެ އެތަން ތަރައްޤީ ކުރުމުގެ މަރުހަލާގައި އޮތްކަން ޝަކީލް ފާހަގަކުރެއްވިއެވެ.
ޝަކީލް އިތުރަށް ވިދާޅުވީ އެކުންފުނިން ޢުމްރާއަށް ގެންދާ މީހުންގެ އަދަދު އިތުރުކޮށްގެންވިޔަސް ކުންފުނީގެ އާމްދަނީ އިތުރު ކުރުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ. އަދި އެހެނިހެން ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާގެ އަޅުކަން އަދާކުރުމަށް އަންނަ މީހުންގެ ޚިދުމަތްތައް ހަމަޖައްސައިގެން އާމްދަނީ އިތުރު ކުުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ރާޢްޖެއިން ޙައްޖަށް މީހުން ގެންދާ އަގު ބޮޑުވުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. އާންމުންގެ އެ ކަންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއު ކުޑަ ކުރުމަށާއި ޙައްޖަށް ގެންދިޔުމަށް އިތުރަށް ފައިސާ ނަގާ މައްސަލަ ޙައްލު ކުރުމަށްޓަކައި ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ ހަމައެކަނި ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އަދި ރަސްމީ ކޯޓާގެ އިތުރަށް ކޯޓާ ލިބިއްޖެނަމަ ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތު އަމިއްލަ ޖަމާޢަތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ ޙައްޖު ކޯޕަރޭޝަންގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

