ޖޫން 3 ވަނަ ދުވަހު މާކިއުރީ، މާސް (މިއްރީހް ) ، ޖުޕިޓާ (މުޝްތަރީ) ، ސެޓާން (ޒުހުލު)، ނެޕްޓޫން (ނަފުތޫނު) އަދި ޔޫރޭނަސް (ޔުރާނަސް) އެއް ސަފެެއްގައި ދުނިޔެއަށް ފެންނާނެއެވެ. މިއީ އިރުގެ އެއް ފަރާތަކަށް ޕްލެނެޓްތައް ޖަމާވުމުން ދިމާވާ ކަމެކެވެ.
ޔުނިވާސިޓީ އޮފް ވޯވިކްގެ ޕްރޮފެސަރު ޑެނީ ސްޓެގްސް ބުނީ މިއީ އާންމު ގޮތެއްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ފެންނާނެ މަންޒަރެކެވެ. ނަމަވެސް އިރު އަރާ ވަގުތާއި ދިމާވާތީ އާއި އިރުގެ އަލިކަން ކޮންމެވެސް ވަރަަކަށް ހުރުމުގެ ސަބަބުން މި މަންޒަރު ބެލުމަށް ބައެއް ވަސީލަތްތަކުގެ އެހީ ބޭނުން ވެދާނެ ކަމަށެވެ.
" ޖުޕިޓާ އާއި މާކިއުރީގެ ސަބަބުން އުރޭނަސް އާއި ނެޕްޓޫން ފެންނާނީ ވަރަށް ކުޑަކޮށް، އެހެންވީމަ މި މަންޒަރު ފެންނާނީ ރަނގަޅު ބައިނޯކިއުލާ ނުވަތަ ދުރުމި އެއްގެ އެހީގައި." އޭނާ ބުންޏެވެ.
ބައެއް ޕްލެނެޓްތައް ހަމަ ލޮލަށް ފެންނަން ހުއްޓަސް، އަލިކަމުގެ ސަބަބުން ދަތިތައް ކުރިމަތިވެދާނެ އެވެ. "މާސް އާއި ސެޓާން އަކީ އެންމެ ފަސޭހައިން ފެންނަ ޕްލެނެޓްތައް، އެހެން ޕްލެނެޓްތަކަށް ވުރެ ކުރީގައި އަދި އުޑުމަތިން ތަންކޮޅެއް އުސްކޮށް ފެންނަން ހުންނާނެ،" މޮބައިލް އެޕްލިކޭޝަންތަކުގެ އެހީގައި ބަލަންވީ ވަގުތާއި ކޮން ދިމާލެއްކަން އެނގިގެން ދާނެ ކަމަށް ސްޓީގްސް ބުނެ އެވެ.
މި ޕްލެނެޓްތައް އުޑުމަތީގައި ސަފަކަށް ފެންނާނެ ހުންނާނެ ކަމަށާއި އެންމެ މަތީގައި ނެޕްޓޫން، ދެން މާސް، އުރޭނަސް އަދި މާކިއުރީ ހުންނާނެ ކަމަށެވެ. ދުނިޔެއާއި އެންމެ ކައިރިން ފެންނާނީ ޖުޕިޓާ އެވެ.

ޔުނިވާސިޓީ އޮފް ވޯވިކްގެ ޑރ ގްރާންޓް ކެނެޑީ ބުނި ގޮތުގައި ދެ ކޮޅުގައި ދިރިއުޅޭ މީހުންނަށް ވެސް އިރު ފެންނަ ކަމަށާއި ޕްލެނެޓްތައް ހުރީ އިރާއި މާ ދުރުނޫން ހިސާބެއްގައި ކަމަށް ވުމުން ދެކުނުގެ ގައުމުތަކުގައި ދިރިއުޅޭ މީހުންނަށްވެސް ޕްލެނެޓްތައް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިއީ އެތައް ދުވަހަކަށް ދެމިގެންދާނެ ކަމެއް ކަމަށް ބެލެވޭއިރު، އޮގަސްޓް މަހާއި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު މި ހަ ޕްލެނެޓް އެއް ސަފަކަށް ފެންނާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހު ހަތް ޕްލެނެޓް ފެންނާނެ ކަމަށެވެ.
އެހެން ޕްލެނެޓްތަކަށްވުރެ ދުނިޔެ ބާރު މިނެއްގައި ދައުރުވަމުންދާތީ ކުރިއަށް އޮތް އަހަރުތަކުގައި މިފަދަ އެތައް ކަމެއް ހިނގާނެ،" ކެނެޑީ ބުންޏެވެ.

ހަގީގަތުގައި 2080 ވަނަ އަހަރުގެ މާޗް މަހު އަނެއްކާވެސް ހަ ޕްލެނެޓެއް އެއް ސަފެއްގައި ފެންނާނެ ކަމަށް ބެލެވޭއިރު، އެއިރު ފެންނާނީ ނެޕްޓޫންގެ ބަދަލުގައި ވީނަސްއެވެ.
ރޯޔަލް އޮބްޒަވޭޓަރީ ގްރީންވިޗްގެ އެސްޓްރޮނޮމިސްޓެއް ކަމަށްވާ ޑރ އެޑް ބްލޫމަރ ވަނީ ޕްލެނެޓްތަކަށް ބަލާއިރު އިރަށް ނުބެލުމަށާއި ލޮލަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެންމެ ރަނގަޅީ އަނދިރި ހިސާބަކަށް ގޮސް އިރުމަތި ފަރާތަށް ބެލުން ކަމަށް ބުނެފައެވެ.
ފަތިހުގެ ވަގުތެއްގައި މިކަން ހިނގުމާއި އިރުގެ އައްޔާއި އުޑުމަތި ބަނަވާނެ ކަމަށް ލަފާކުރެވޭތީ މި މަންޒަރު ސާފުކޮށް ފެނުން ފުރުސަތު ކުޑައެވެ.

