އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު މީހާގެ ގައިގައި ލޯންޗުން ޖެހި މަރުވި މައްސަލާގައި ހައްޔަރުކުރި ލޯންޗު ދުއްވި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެމީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވަނީ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ޙާޒިރު ކުރުމުންނެވެ. މި މައްސަލައިގައި ހައްޔަރުކުރީ އދ. މާމިގިލީ ލޯންޗު “މައި އެކްސްޕްރެސް” ގެ ކެޕްޓަން އިސްމާއިލް އަޒީޒެވެ. އެ ހާދިސާގައި މަރުވެފައި ވަނީ ފ. ފީއައްޔަށް ނިސްބަތްވާ “ޓްވިންސް” ނަމަކަށް ކިޔާ ދޯންޏެއްގެ ބަންގްލަދޭޝް ފަޅުވެރިއެކެވެ. މަންޒަރު ދުށް މީހުން ބުނިގޮތުގައި އަނިޔާވި މީހާ އޮތީ ދެބުރިވެފަ އެވެ. ދަނގެތީ ކައިރިއަށް އެމީހާ ފާނަ މަސްވެރިކަމަށް ގޮސްއުޅުނީ ދިވެއްސަކާއި އިތުރު 4 ބިދޭސީންނާއެކު ކަމަށް މަޢުލުމާތު ލިބިފައިވެއެވެ.
ފުލުހުން ވިދާޅުވީ ދަނގެތި ކައިރިއަށް ފާނަ މަސްވެރިކަމަށް ފައިބާ އުޅުނު މީހެއްގެ ގައިގައި ލޯންޗަކުން ޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ އިއްޔެ ހެނދުނު 07:55 ހާއިރު ކަމަށެވެ. އޭނާ ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

